ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ، މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު ބުނީ ޑެންގީ ފަތުރާ އީޑީސް މަދިރިން ޖެހޭ އެބަލި ރާއްޖޭގައި އުޅޭތޯ ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އަންނަ އާދިއްތަ ދުވަހު ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް) ގެ ޓީމެއް ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށެވެ.

އެޓީމުން ރާއްޖެއައިސް އެޗްޕީއޭގެ ޑިޒީޒް ސާވެއިލަންސް އޮފް މެޑިކަލް ޑިޒީޒް ކޮންޓްރޯލުގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓްރީއާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޓީމުން ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ބެލުމަށް ސާމްޕަލް ނެގުމާއި އެސާމްޕަލް ބޭރަށް ފޮނުވުމުގެ އިތުރުން އައިޖީއެމްއެޗްގައި އެ ޓެސްޓްހެދުމަށް ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޒިކާ ވައިރަސް އަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސް އެކެވެ. އެބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގަ ރިއްސުމާ ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެއެވެ. ޑެންގީ ބަލީގައި ހުންގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަންޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މަދިރިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ލަފާދެއެވެ.