ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން ލޭ މަނާނުވެގެން ނިޔާވި ހދ. ކުޅުދުއްފުށީ ސިނަމާގެ، އާއިޝަތު ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު އައިޖީއެމްއެޗުގައި މަސައްކަތް ކުރަނީ އޭނާގެ އެސެސްމެންޓެއް ހެދުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ، ޑރ. ލުއިސްގެ އެސެސްމެންޓެއް ހަދަނީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

ޒީނަތު ވިދާޅުވީ، އެ ޑޮކްޓަރު ހުރީ އައިޖީއެމްއެޗުގެ ވަޒީފާއެއްގައި ނޫން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ނުދެވިގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް އުމުރުން 33 އަހަރުގެ ފަރިޔާލު ނިޔާވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ޑރ. ލުއިސް ސަސްޕެންޑުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ، އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި މައްސަލަ ބަލައިނިމުމުން ފަރިޔާލު މަރުވުމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.