މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑު ފެމިލީ ޕްލޭނިންގު ކޮމިޝަނާ ގުޅިގެން، ލޮލުގެ ފުސް ކެހުމުގެ އައިކޭމްޕެއް ހުޅުމާލޭ ހޮސްޕިޓަލުގައި ފަށައިފިއެވެ.

"ބްރައިޓު ޖާނީ" ގެ ނަމުގައި މިމަހު 18 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަގެންދާ އެ ކޭމްޕުގައި މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެ ފަދަ ކޭމްޕުތައް ވަރަށް ކާމިޔާބު ކަމާއެކު ހިންގާފައިވާ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނީޝަނުންގެ ޓީމެކެވެ.

އެޓީމުން ވަނީ ލޮލުގެ ޓެސްޓުތަކާއި ލޮލުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ޒަމާނީ މެޝިނަރީސްތައް ރާއްޖެ ގެނެސް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައެވެ. އެގޮތުން އެ މެޝިނަރީސްތައް ހޮސްޕިޓަލަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ ކޭމްޕުގައި މިހާތަނަށް 150 މީހުން ބަލައި 60 މީހެއްގެ ލޯ އޮޕަރޭޝަން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް 22 މީހެއްގެ ލޮލުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

"ބްރައިޓު ޖާނީ" ކޭމްޕުގައި ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުފެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.