21 Jan 2016, 16:33
މާލެއިން ފުރައިގެން ބ. ހިތާދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. އަތޮޅު ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެމީހާ ހައްޔަރު ކުރުމަށްފަހު ގެންގުޅުނު ތަކެއްޗާއި ހަށިގަނޑު ބަަލައި ފާސް ކުރިއިރު އެމީހާގެ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 168 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހަމައެހެންމެ، އެމީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ބ. ކަމަދޫ އިންވެސް މަސްތުވާތަކެއްޗާއެކު 46 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރު ކުރުމަށް ފަހު ބަލައި ފާސްކުރި އިރު ލައިގެން ހުރި ފަޓުލޫނު ޖީބު ތެރޭގައި އޮތް ސިގިރޭޓު ފޮށްޓަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އެމީހާގެވެސް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ދެ މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.