ކެރެލާ (ޖެނުއަރީ 21):ސެކިއުރިޓީ ގާޑަކު މަރާލުމާ ގުޅިގެން އިންޑިއާގެ ކެރެލާގެ މިލިއަނަރެއް ކަމަށްވާ މުހައްމަދު ނިޝާމްގެ މައްޗަށް އެގައުމުގެ ކޯޓަކުން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ތިރީސްނުވަ އަހަރުގެ ނިޝާމް އޭނާގެ އެޕާޓްމެންޓް ކޮމްޕްލެކްސްގެ ގޭޓު ކައިރީގައި ހުންނަ ޗަންދުރަބޯސް ނަމަކަށް ކިޔާ ސެކިއުރިޓީ ގާޑަށް ހަމަލާދިނީ ގޭޓު ހުޅުވަން މާލަސްވުމުންނެވެ. ނިޝާމްއާ ދެކޮޅަށް ވާހަކަދެއްކެވި ވަކީލުން ވިދާޅުވި ގޮތުގައި ނިޝާމް ވަނީ އޭނާގެ ކާރުން ޗަންދުރަބޯސް ގައިގައި ޖެއްސުމަށްފަހު ދަގަނޑު ގަނޑަކުން އޭނާ އަށް ހަމަލާދީފަ އެވެ. ޗަންދުރަބޯސް މަރުވީ އެހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ހިތްހުއްޓިގެންނެވެ.

އިއްޔެ ނިޝާމްގެ މައްޗަށް ކުރި އުމުރު ދުވަހުގެ ޖަލު ހުކުމާ އެކު އޭނާ ވަނީ 117،600 ޑޮލަރުން ޖޫރިމަނާވެސް ކޮށްފަ އެވެ.

ދުންފަތް ވިއްކައިގެން މުއްސަނދިވި ނިޝާމްގެ މައްޗަށް މީގެ ކުރިން ވެސް ތަފާތު ދައުވާތައް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ނިޝާމްގެ ނުވަ އަހަރުގެ ދަރިފުޅަށް އޭނާގެ ކާރު ދުއްވަން ދިން މައްސަލަ އެވެ. ނިޝާމް ވަނީ އެމަންޒަރު ވީޑިއޯ ކުރުމަށްފަހު ޔޫޓިއުބަށް ލާފަ އެވެ. (އޭއެފްޕީ)