ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުއްވުމުން އެމްޑީޕީ އިން ރައީސް ޔާމީނަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަދުވަހުގެ ރެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަކީ ސިޔާސީ މަސްރަހަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން އެޅުއްވި ފުރަތަމަ ފިޔަވަޅުކަމަށް އެ ޕާޓީ އިން ދެކޭ ކަމަށެވެ.

ސިޔާސީ މަޝްރަހު އިތުރަށް ރަނގަޅުކުރުމަށް އަޅަން ހުރި ގިނަ ފިޔަވަޅުތަކެއް އަވަސްގޮތެއްގައި އަޅުއްވައި ރާއްޖެ އަށް ހަމަޖެހުން ގެނެސްދެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނުގެ އަރިހުން އެމްޑީޕީ އިން ވަނީ އެދިފަ އެވެ.

"ސިޔާސީ މަގުސަދު ހާސިލުކުރެއްވުމަށް ހައްޔަރުކުރެވިފައިވާ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ކާނަލް މުހައްމަދު ނާޒިމާއި އަދި މިނޫން ވެސް އެންމެހައި ސިޔާސީ ލީޑަރުންގެ އިތުރުން ބަންދުގައާއި އެކިއެކި ޖިނާއީ މަރުހަލާތަކުގައިވާ 1700 އަށް ވުރެ ގިނަ ފަރާތްތައް މިނިވަންކުރައްވައި، އެ މައްސަލަތަކަށް ނިމުމެއް ގެންނަވައި، ރާއްޖޭގެ ސިޔާސީ މަސްރަހަށް ފިނިކަން ގެންނެވުމުގެ މަސައްކަތްޕުޅު އަވަސް ކުރުރެއްވުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށްޓަކައި އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދާއެކު ފްލައިޓްގައި -- ފޭސްބުކް ފޮޓޯ

ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ނިޒާމު ހަރުދަނާކުރައްވައި، ގާނޫނުގެ ވެރިކަން ނަގަހައްޓަވައި، މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ގާއިމުކުރައްވައި މުވައްސަސާތަކުގެ މިނިވަންކަން ނެގެހެއްޓެވުމުގެ މަސައްކަތްޕުޅު ފެއްޓެވުމަށް ވެސް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރެއްވުމަށާއި ފަރުދީ މިނިވަންކަން ކަށަވަރުކުރެއްވުމަށާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރިހަމައަށް ޖާގަދެއްވުމަށް ވެސް އެމްޑީޕީ އިން ވަނީ ގޮވާލައްވާފަ އެވެ.

"މީގެ އިތުރުން ދިވެހި ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ހީނަރުވެގެންދާ ފަދަ ސިޔާސަތުތައް ބަދަލުކުރައްވައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ގަދަރުވެރި އަދި ޝަރަފުވެރި ގައުމަކަށް ހެއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވުމަށް ވެސް ސަރުކާރަށް މި ޕާރޓީން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މައިބަދައިގެ އޮޕަރޭޝަނަކަށް ނަޝީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވާ އިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނަވަން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.