18 Apr 2011, 15:56
އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރެއްވީ މި އޭޕްރީލް މަހުގެ 6 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމަށް ލާޒިމްކޮށް ފާސްކުރުމާ ގުޅިގެންނެވެ. އެބިލް ރައީސް ނަޝީދު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ބިލް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ.
މިއީ ޤާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމާއި، އެ އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ބަދަލުކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
އެ ޤާނޫނުގެ ބޭނުމަކީ ޤާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގަ އާއި، ވެރިކަންކުރާ ރަށް، އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ސިޔާސަތުތަކާއި އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް މަގުފަހިކޮށް، ދިމިގްރާތީ އޫސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއްގެ މަތިން ކަނޑައެޅޭ ކަމަކަށް ހެދުމެވެ.
އެ ޤާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، އެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަދަލުކުރެވޭނީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަތޮޅު ކައުންސިލްތައް ފުރަތަމަ ފަހަރަށް އިންތިހާބުވުމަށް ފަހުގަ އެވެ.
އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަށް އެ ބިލް ތަސްދީގު ކުރެއްވުން ލާޒިމުވާ ގޮތަށެވެ.