ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ބްރާންޗުތަކާއި ޓެކްނޮލެޖީ ތަރައްގީކޮށް، ހުރިހާ ރަށެއްގައި ކޭޝް އޭޖެންޓުން ބޭތިއްބުމަށް މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އަދި އެ އިންވެސްޓްމަންޓާ އެކު މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް އެ ބޭންކަށް ފައިދާވި އަހަރެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކްގެ ފައިދާ އުޅެނީ ޓެކްސްތައް ކެނޑުމަށް ފަހު، 236 މިލިޔަން ރުފިޔާ އަށް ވުރެ މަތީގަ އެވެ. އަދި އެއީ އޭގެ ކުރީގެ ކުއާޓަރަށް ވުރެ، 48 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ލޯނުގެ ގޮތުގައި ފައިސާ ދޫކުރި މިންވަރު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު ދެގުނައަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 3.4 ބިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި ނުދައްކާ ލޯނުތަކުގެ ނިސްބަތް 12 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށް ވެސް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ބީއެމްއެލްގެ 27 ބްރާންޗާއި 75 އޭޓީއެމް ހުރެ އެވެ. ތިން ހާސް އެއްސަތޭކަ ޕީއޯއެސް ކަސްޓަމަރުންނާއި 117 ކޭޝް އޭޖެންޓުން ތިބެ އެވެ.