އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދިނުމަށް އޭނާ ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ސަން އަށް ވިދާޅުވީ އިމްރާން އެގޮތަށް އެދިވަޑައިގަތީ އެ މައްސަލަ ބެއްލެވުމުގައި ގާޒީ ބާރީ ޝަރީއަތް ކުރުމުގެ އާންމު އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗު އުވާލާފައި ވަނީ ހާމަ ކަމާއި ހަމަހަމަ ކަމެއް ނެތި، ޝައްކު އުފެދޭ ފަދަ ހާލަތުގައި ކަމަށް އިމްރާން ވިދާޅުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި "ތިމަންމަނިކުފާނު މިހުންނެވީ ނިންމައިގެން" ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވާ ކަމަށާއި ދެފަރާތުން ހުށަހަޅަން ޖެހޭ ހެކީން ކޯޓަށް ހުށަހެޅިފައި ނެތީސް އެގޮތަށް ވިދާޅުވުމަކީ ފަނޑިޔާރުގެ މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އިމްރާން ދެކެވަޑައިގަންނަވާ ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާތީ އެ ކޯޓުން ވަކިގޮތެއް ނިމެންދެން އެ މައްސަލައިގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލުމަށް އަމުރެއް ނެރެދިނުމަށް އިމްރާން ހައިކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.