ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ރާއްޖެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުން ހާއްސަ އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

އެ އިންސްޓިޓިއުޓުން ބުނީ ރައީސް މައުމޫނަށް އެ އެވޯޑު ދިނުމަށް ނިންމީ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރު ރާއްޖެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ހޯއްދަވައި ދެއްވާފައިވާ ކާމިޔާބީތަކުގެ ސަބަބުން ކަމަށެވެ. ހަމައެއާއެކު ރައީސް މައުމޫން ވަނީ އިސްލާމްދީނާއި ރާއްޖޭގެ ސަގާފަތް ދިރުވާ އާލާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.

އެ އިންސްޓިއުޓުން ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދާ ސިޔާސީ ގޮތުން ރާއްޖެ ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފަ އެވެ.

ރާއްޖެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުން ރައީސް މައުމޫނަށް ދެއްވަން ނިންމާފައިވާ އެވޯޑުގެ ދައުވަތު ރައީސް މައުމޫނަށް މިހާރު ވަނީ އަރުވާފަ އެވެ. އަދި އެ އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.