21 Jan 2016, 12:45
ތުނބުޅި ބަހައްޓާ މީހުންގެ މޫނަށް ވުރެ ތިން ގުނަ އިތުރަށް ތުނބުޅި ބާލައި އޮމާންކޮށްގެން ތިބޭ މީހުންގެ މޫނުގައި ބެކްޓީރިއާ އާލާވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު އިން އާއްމުކޮށްފައިވާ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ދެ ވައްތަރެއްގެ ތުނބުޅި ބާލައިގެން ތިބޭ މީހުންގެ މޫނުގައި އާލާވާ މިންވަރު އިތުރެވެ.
ހޮސްޕިޓަލެއްގައި މަސައްކަތްކުރާ 408 މީހުން ބައިވެރިކޮށްގެން ކުރި އެ ދިރާސާއިން އެނގިފައިވާ ގޮތުގައި މެތިލިސިލިން ރެސިސްޓެންޓް ސްތެފްއޯރަސް ނަމަކަށް ކިޔާ ބެކްޓީރިއާއެއް ތުނބުޅި ބާލައިގެން ތިބޭ މީހުންގެ މޫނުގައި އާލާވާ މިންވަރު، ތުނބުޅި ބަހައްޓާ މީހުންނަށް ވުރެ ތިން ގުނަ އިތުރެވެ. އަދި ސްޓެފިލޯ ކޯކަސް އޯރަސް ނަމަކަށް ކިޔާ ބެކްޓީރިއާއެއް އާލާވާ މިންވަރު ތުނބުޅި ބަހައްޓާ މީހުންނަށް ވުރެ 10 ޕަސެންޓް އިތުރެވެ.
ސްޓެފިލޯ ކޯކަސް އޯރަސްއަކީ ހަމުގެ އިންފެކްޝަނާއި ނޭވާލާ ނިޒާމުގެ އިންފެކްޝަނާއި ކާނާ ވިހަވުން ފަދަ ކަންތައްތައް މެދުވެރިކުރުވާ ބެކްޓީރިއާއެކެވެ.
ދިރާސާ ކުރި ސައިންސްވެރިން ދެކޭ ގޮތުގައި ތުނބުޅި ބާލާ މީހުންގެ މޫނުގައި ބެކްޓީރިއާ އާލާވާ މިންވަރު އިތުރީ، އެމީހުން ތުނބުޅި ބޭލުމުގެ ތެރޭގައި ހަމުގައި އެޅޭ ކުދި ކުދި ކޫރުތަކުގެ ސަބަބުންނެވެ. އެގޮތުން އެޅޭ ކޫރަކީ ބެކްޓީރިއާ އާލާވާން ރަނގަޅު މާހައުލެއް ކަމަށް ވާތީއެވެ.