ކުރީގެ ފޯމުތަކުގައި ފިންގާ ޕްރިންޓު ޖަހަން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަދާލަތު ޕާޓީން ބައިވެރިވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާއިރު، ފިންގާ ޕްރިންޓު ޖަހަން ނުޖެހޭ ގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމުތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އަދި ޑީއާރުޕީންނެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާގައި ތަދައްހުލުވާން އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުމަށްފަހު ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މަައްސަލަ ޝަރީއަތަށް ނުފޮނުވާ ސުލްހަކުރުމަށް ދެ ފަރާތުގެ މެދުގައި ވާހަކަ ދެއްކުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތަށް ވަނީ ޖަވާބުދާރީވާން އިތުރު ފުރުސަތު ދީފަ އެވެ. ދައުލަތުން އިތުރު ފުރުސަތަށް އެދިފައި ވަނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލަހުން ލިބުނު ކަމަށް ބުނެ އެވެ.

އެމައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ އިލެކްޝަންސް ކޮމިޝަނުން ނުބައިކޮށް މާނަކޮށްފައި ވުމެވެ.

އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތައް އޮތީ އުވޭ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީން 23،000 މެމްބަރުން މަދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ފޯމްތަކުގައި ފިންގަ ޕްރިންޖަހަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.