21 Jan 2016, 12:57
އިސްލާމިކް މިނިސްޓްރީގެ ލައިބްރަރީ މަރާމާތުކުރުމަށް ފަހު އަލުން ހުޅުވައި ދެ ފޮތެއް ނެރެފި އެވެ.
މިއަދު އިސްލަމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާ ލައިބްރަރީ ހުޅުއްވައި ދެއްވީ ނިޝާން އިއްޒުއްދީނުގެ ވެރިޔާ އަބްދުއް ރަޝީދު ހުސައިނު އެވެ.

އިސްލާމިކު މިނިސްޓްރީގެ އާ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ނިޝާނު އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިނު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސްކަމާ ހަވަލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށެވެ.
"އެކަމަށް ޓަކައި މަސައްކަތްޕުޅު ފައްޓަވައިގެން އަމިއްލަ ފުޅަށް އެކި ގައުމުތަކުގެ ވެރިންނާ ގުޅުއްވާ އަދި ބައެއް ފަހަރު ދަތުރުފުޅު ވެސް ކުރައްވައި ހައްދަވައިގެން އެ ޒަމާނަށް ދިވެހި ރާއްޖެ އަށް ލިބެން އެކަށީގެން ނުވާ ވަރުގެ ފަންޑެއް ފައިސާގެ އަދަދު ހޯއްދަވައިގެން މަސައްކަތްޕުޅު ފެއްޓެވީ." އަބްދުއްރަޝީދު ހުސައިނު ވިދާޅުވި އެވެ.
އަބްދުއްރަޝީދު ވިދާޅުވީ، އިސްލާމީ މަރުކަޒު ބިނާ ކުރާ އިރު އިސްލާމީ ތަގުރީރުތައް ދެވޭ ހޯލަކާއި އިސްލާމިކު ލައިބްރަރީއެއް ހުންނަން ޖެހޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.
"ކޮންމެ އަކަސް މި ލައިބްރަރީ އަކީ އަޅުގަނޑުމެން ހީ ނުކުރާ ކަހަލަ އިސްލާމީ މައުލޫމާތުގެ ހަޒާނާއެއް... މި ލައިބްރަރީ ވަރަށް ބޮޑަށް ސަމާލުކަން ދީފައި ވަނީ އިސްލާމީ ދިރާސާ ކުރާ ކުދިންނާއި ގުރުއާނުގެ އިލްމީ ދާއިރާތަކުގެ ފޮތްތަކުގެ ދިރާސާތަކަށް، ހާއްސަކޮށްފައި ހުރި ރިފަރެންސް ލައިބްރެރީއެއްގެ ގޮތުގައި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިސްލާމީ ތައުލީމުގެ ދެ ފޮތެއް ކަމަށްވާ "ރިޔާޒުއް ޞާލިހީން"ގެ އާ ކޮޕީއަކާއި "ފިޤުހުއް ސުންނާ"ގެ ތަރުޖަމާގެ އާ ބައެއްވެސް ނެރެދެއްވައިފަބ އެވެ.

އިސްލާމިކު މިނިސްޓުރީގެ އާ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
ހަތަރު ބަޔަކަށް ބަހާލައިގެން ޗާޕުކޮށްފައިވާ "ރިޔާޒުއްޞާލިހީން"ގެ އާ ކޮޕީ ނެރެދެއްވީ ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދު އެވެ. ރިޔާޒުއް ސާލިހީން އަކީ އިސްލާމީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު ފާރޫގު އިމާމް ނަވަވީ ލިޔުއްވާފައިވާ ފޮތެކެވެ. އެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ފަޟީޟަތުއް ޝެއިހު އަހުމަދު ފާރޫގު މުހައްމަދު އެވެ.

އިސްލާމިކު މިނިސްޓުރީގެ އާ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
"ފިޤުހުއް ސުންނާ"ގެ އާ ބައެއް ކަމަށްވާ "ނަމާދުގެ ތިން ވަނަ ބައި" ނެރެދެއްވީ މައުރޫފް ޖަމީލު އެވެ. އެ ފޮތަކީ މިސްރުގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ސައްޔިދު ސާބިޤު ލިޔުއްވާފައިވާ ފޮތެކެވެ. އެ ފޮތް ވެސް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ އަހުމަދު ފާރޫގު އަހުމަދު އެވެ.
މަރާމާތަށް ފަހު އިސްލާމިކު ލައިބްރަރީ ހުޅުވާފައި ވަނީ ދިރާސާ ކުރާ ކުދިންނަށް ތިބެވޭނެ ހާއްސަ ކޮޓަރިއަކާ އެކުގަ އެވެ. އަދި އެ ލައިބްރަރީ އިން އަޤީދާ، ސުންނަތް، ޤުރުއާނުގެ އިލްމު ފަދަ އިސްލާމީ ފޮތްތައް ދިވެހި، އިނގިރޭސ، އުރުދޫ އަދި އަރަބި ބަހުން ވެސް ލިބެން ހުންނާނެ ކަމަށް އިސްލާމިކު މިނިސްޓްރީ އިން ބުނެ އެވެ.