ސާފް ގޭމްސްގައި ވާދަ ކުރާ ގައުމީ ވޮލީ ޓީމު މެޑަލަކަށް އާމާޒުކޮށް އިތުރު ތަމްރީން ހެދުމަށް މިއަދު ހެނދުނު ތައިލެންޑަށް ފުރައިފި އެވެ.

ވޮލީ ޓީމު ތައިލެންޑަށް ފުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ނައިބް ރައީސް އިލިއާސް ވަހީދު (އިލްލަ) މިއަދު 'ސަން' އަށް ވިދާޅުވީ މިފަހަރު ގައުމީ ވޮލީ ޓީމުގެ އަމާޒަކީ އެ މުބާރާތުން މެޑަލެއް ހޯދުން ކަމަށާއި އެ ޓާގެޓަށް ވާސިލްވުމުގެ ގޮތުން ވަރަށް ބުރަކޮށް ޓީމު މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

"ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޓީމު މި އަންނަނީ ވަރަށް ބުރަކޮށް މަސަތްކަތް ކުރަމުން. ޓީމުގެ ކޯޗަކަށް ވެސް މި ހުރީ ވަރަށް ތަޖުރިބާ ކާރު ކޯޗެއް. ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބުރަކޮށް މަސަތްކަތް ކުރަމުން ދަނީ،" އިލްލަ ވިދާޅުވި އެވެ.

އޭނާ ވިދާޅިވީ މިހާރުގެ ކޯޗު ވަނީ ޓީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައި ކަމަށާއި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފއި ވުމުން ވޮލީގެ މުސްތަގްބަލް ވަރަށް އުޖާލާކޮށް ފެނިގެން ދާނެ ކަމަށެވެ.

ޖުމުލަ 15 ކުޅުންތެރިންނާ އެކު ވޮލީ ޓީމު ތައިލެންޑަށް ފުރާފައިވާއިރު އެ ގައުމުގެ ހަތަރު ޓީމާއެކު ތަމްރީން މެޗުތަކެއް ކުޅޭނެ ކަމަށް ވީއޭއެމް އިން ކުރިން ވަނީ ބުނެފަ އެވެ. އަދި ތަމްރީންތައް ނިއްމާލުމަށް ފަހު 12 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އެކުލަވާލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ސާފް ގޭމްސްގައި ސަރުކާރުގެ ހަރަދުގައި ގެންދާ ޓީމްތަކުގެ ތެރޭގައި އަންހެން އަދި ފިރިހެން ވޮލީ ޓީމު ހިމެނިފައިވާ އިރު އަންހެން ވޮލީ ޓީމު މި މަހުގެ 25 ވަނަ ދުވަހު އިންޑިއާ އަށް އިތުރު ތަމްރީނު ހޯދުމަށް ފުރާނެ އެވެ.