ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވާ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްސަލާގައި ބައެއް ހެކިން ހާޒިރުކޮށްދިނުމަށް އެކުއްޖާގެ ފަރާތުން ހައިކޯޓުގައި އެދެފި އެވެ.

މުހީތު މަރާލި މައްސަލާގައި ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. ނަމަވެސް އޭގެ ތެރެ އިން ކުށް ސާބިތުވެ މެރުމަށް ހުކުމްކޮށްފައި ވަނީ ދެ ކުއްޖެއްގެ މައްޗަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާގެ ފަރާތުން ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ދަށުކޯޓުގައި ހެކިބަސްދީފައިވާ ހެކިންގެ ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދ ގިނަ ހެކިން ސިއްރުން ހެކިބަސްދީފައިވާ އިރު ހެކިބަސްދިން ހެކިވެރިންގެ ތެރޭގައި ފާސިގުން ކަމަށް ބެލެވޭ މީހުން އެބަ ތިބި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދަށުކޯޓުގަައި އެ ކުއްޖާއާ ދެކޮޅަށް ހެކިބަސްދިން ހެކިވެރިޔަކު ހެކިބަސް ދިނުމަށް ފަހު އޭނާ ހެކިބަސްދިނީ މަޖުބޫރުކޮށްގެން ކަމަށް ބުނެ ކޯޓަށް ސިޓީއެއްހުށަހެޅިނަމަވެސް ޖުވެނައިލް ކޯޓުން ހުކުމް ކުރި އިރު އެ ސިޓީއަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް ވަކީލު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. މައްސަލާގައި އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ އިރު ޝައްކުތަކެއް ހުރި ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

އެކުއްޖާގެ މައްޗަށް ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ އިރު މުހީތުގެ މަރާލިރޭ އެތަނުގައި އެތައް ބަޔަކު ތިބިކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ މުހީތު މަރާލަން ހަމަލާދިނީ އެކުއްޖާކަން ދައުލަތަށް އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ދަށުކޯޓަށް ވަކާލާތުކުރަން ދިޔަ ވަކީލަކީ މުހީތުއާ ތިމާގެ ކަމެއް ހުރިކުއްޖެއް ކަމަށް އެކުއްޖާގެ ފަރާތުން ވަނީ ބުނެފަ އެވެ. ފަނޑިޔާރު ވިދާޅުވީ އެކަން ޖެހޭނީ ސާފުކޮށްލަން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހުށަހަޅާހެކިން ސިއްރު ކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މައްސަލާގައި ޝައްކުނެތް ކަމަށް ބެލެވޭނީ ނަތީޖާއަށް އަސަރުކުރާވަރުގެ ކަމެއް ނެތުމުން ކަމަށާއި އެހެންކަމުން ކުދި ފުށުއެރުނަތަކެއް ހުއްޓަސް ނަތީޖާއަށް އަސަރު ނުކުރާނަމަ ރަނގަޅުވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލަބައްލަވާ އިސް ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމް ވިދާޅުވީ ހުށަހަޅަން ބޭނުންވާ ހެކިންގެ ލިސްޓަކާއި ހުށަހަޅާ ސަބަބު ބަޔާންކޮށް ލިޔުމަކުން ދެދުވަހެއްތެރޭގައި އަންގަންވާނެ ކަމަށެވެ. އަދި ފަނޑިޔާރުން ބެލުމަށްފަހު ހެކި ހާޒިރުކުރަން ފެންނަ ނަމަ އެކަން ކުރާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ކުރިން މީގެ އަޑުއެހުމެއް ދެންބާއްވާފައި ވަނީ 2014 ވަނަ އަހަރު މާޗު މަހު އެވެ. މައްސަލައިގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމް އެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ސުޖާއު އުސްމާނު އާއި ފަނޑިާޔު އަބްދުﷲ ހަމީދެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.

މުހީތު މަރާލި ދެ ކުދިންނަށް އިއްވި މަރުގެ ހުކުމަކީ ޖުވެނައިލް ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ.