21 Jan 2016, 11:49
ސައުދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅުންގެ ސިއްރު ދިރިއުޅުން ދައްކުވައިދޭނެ ކަމަށް ބުނާ ފިލްމެއްގެ ޓްރެއިލާ އުފައްދުމުގެ މަސައްކަތް ފަށައިފި އެވެ.
ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ފަހުދު ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ސިއްރުން ކައިވެނި ކުރައްވައިގެން ދުވަސްކޮޅަކު އުޅުއްވި ކަމަށް ބުނާ ފަލަސްތީނަށް އުފަން، އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ނަސާރާ އަންހެނަކު ކިޔައިދިން ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަނީ އިނގިރޭސިވިލާތުގެ މީޑިއާ ރިލޭޝަންސް ކޮންސަލްޓެންޓެއް ކަމަށްވާ ޑެމިއަން މެކް ކްރިސްޓަލްއެވެ.
މިޑްލް އީސްޓް އައި ނޫހާ ވާހަކަ ދައްކަމުން މެކްކްރިސްޓަލް ބުނެފައި ވަނީ ފިލްމު އުފައްދަން ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށާއި ފިލްމުގެ ޓްރެއިލާއެއް މިހާރު އުފައްދާފައިވާ ކަމަށެވެ.
ފަހުދު ރަސްގެފާނު ސައުދީ އަރަބިއްޔާގެ ވަލީ އަހުދުގެ ގޮތުގައި ހުންނެވި އިރު ކައިވެނި ބައްލަވައިގެންނެވި، ފަލަސްތީނަށް އުފަން، މިހާރު އުމުރުން 68 އަހަރުވެފައިވާ ޖަނާން ހަރުބު ވަނީ އޭނާ އާއި ފަހުދުގެ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމުން ފެންނާނެ ބައެއް ކަންތައްތައް މިޑުލް އީސްޓް އައި އަށް ކިޔައިދީފަ އެވެ.
ޖަނާން ބުނާ ގޮތުގައި އޭނާގެ އުމުރުން 20 އަހަރުގައި އޭރު އުމުރުން 47 އަހަރު ވެފައިވާ ފަހުދުއާ ކުރި ކައިވެނި ރޫޅުނީ ޝާހީ ޚާންދާނުން އެކަމާ ނުރުހިގެން ކަމަށެވެ. އަދި 1970 ވަނަ އަހަރު އޭނާއާއި އޭނާގެ އާއިލާ ސައުދީ އަބިއްޔާ އިން ބޭރުވާން ޖެހުނީ އެންމެ ދެގަޑިއިރުގެ މުހުލަތެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އަންނަ ޖަނާންއާއި ފަހުދުގެ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމުގެ ޓްރެއިލާ އަންނަ ފެބްރުއަރީ މަހު އާއްމުކުރާނެ ކަމަށް މެކް ކްރިސްޓަލް ބުނެފައިވެ އެވެ. އުތުރު އެފްރިކާގެ ގައުމެއްގައި މަންޒަރުތައް ނަގައިގެން އުފައްދާފައިވާ އެ ޓްރެއިލާގައި ފަހުދުގެ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކުވައިދޭ ފޮޓޯތަކެއް ހިމެނޭނެ ކަމަށް މެކްކްރިސްޓަލްއާއި ޖަނާން ބުނެ އެވެ.
ޖަނާން އާއި ފަހުދުގެ ކައިވެނި ރޫޅާލީ ޝާހީ އާއިލާގެ ފިއްތުންތަކާ ހެދި ކަމަށާއި އެހެން ނަމަވެސް އޭނާ މަރުވަންދެން ހަރަދުކުރަން ފަހުދު ވައުދުވި ކަމަށް ޖަނާން ވަނީ މިދިޔަ އަހަރު ބުނެފަ އެވެ.
ފަހުދު އަވަހާރަވުމުގެ އާލާސްކަންފުޅުގައި ޖަނާން އަށް 12 މިލިޔަން ޕައުންޑާއި ލަންޑަންގެ ޗެލްސީ ޑިސްޓްރިކްޓުން ދެ ފްލެޓް ގަނެ ދިނުމަށް ވައުދުވެ، ޖަނާންއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ބުނެ އެވެ. އެ އެއްބަސްވުމަށް އަމަލުކުރައްވަން ފަހުދުގެ ދަރިކަލުން ޕްރިންސް ޢަބުދުލް ޢަޒީޒު ދެކޮޅު ހެއްދެވުމުން ޖަނާން އެމައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މައްސަލަ ވަނީ އޭނާ ކޮޅަށް ނިމިފަ އެވެ. ނަމަވެސް އެ ފައިސާ ދިނުމާ މެދު ޝާހީ އާއިލާއިން އަދި ގޮތެއް ނުނިންމަ އެވެ.