21 Jan 2016, 11:39
ތަޖިކިސްތާނުގައި ހަރުކަށި ހިޔާލު ފެތުރުން ހުއްޓުވުމަށް އެ ގައުމުގެ ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ގައުމުގެ އަންހެނުން ބުރުގާ އެޅުން މަނާކޮށް، 13،000 މުސްލިމް ފިރިހެނުންގެ ތުނބުޅި ބާލައިފި އެވެ.
"ބޭރު ގައުމުތަކުން ތަޖިކިސްތާނަށް ބާރުފޯރުވުން" ކުޑަކުރުމަށްޓަކައި އެ ގައުމުގެ ފުލުހުން ދަނީ ހިޖާބު ވިއްކާ ފިހާރަތައް ބަންދުކޮށް، ފިރިހެނުންގެ ތުބުޅި ބާލައި، އަންހެނުން ބުރުގާ އެޅުން ހުއްޓުވަމުންނެވެ.
ތަޖިކިސްތާނުގެ އޮފިޝަލުން ވަނީ 1،700 ވަރަކަށް މުސްލިމް އަންހެނުން ބުރުގާ ނެގުމަށް "އެއްބަސް ކުރުވާފައި" ކަމަށް އެ ގައުގެ ހުޅަނގުދެކުނު ސަރަހައްދުގެ ފުލުހުންގެ ޗީފް ބަހްރޮމް ޝަރިފްޒޯޑާ އިއްޔެ ވިދާޅުވި އެވެ.
ތަފާތު ދީންތަކަށް ތަބާވުން ހުއްދަ ކުރާ ސަރުކާރެއް އޮންނަ ތަޖިކިސްތާނުގެ އާބާދީގައި ގިނައީ މުސްލިމުންނެވެ. ނަމަވެސް، މިދިޔަ ހަފްތާގައި ތަޖިކިސްތާނުގެ ރައްޔިތުންގެ މަޖިލީހުން ވަނީ އަރަބި ނަންތައް ފަދަ "ބޭރުގައުމުގެ" ނަން ކުދިންނަށް ދިނުން މަނާކުރުމަށް ވޯޓުދީފަ އެވެ. އަދި ތަޖިކިސްތާނުގައި ހަމަނުޖެހުން އުފެއްދުމަށް މެދުވެރިކުރާ ގަބޫލުކުރުންތަކާއި އަމަލުތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރައްވާ ރައީސް އިމޮމަލީ ރަހްމާން އެ ގާނޫނު ފާސްކުރައްވާނެ ކަމަށް ގަބޫލުކުރެވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އެގައުމުގައި އޮތް ހަމައެކަނި އިސްލާމީ ޕާޓީ ކަމަށްވާ އިސްލާމިކް ރެނައިސެންސް ޕާޓީ އުވާލާފަ އެވެ. އެޕާޓީ އުވާލީ އެ ގައުމުގައި ހަމަނުޖެހުންތަށް އުފެދުމުގެ މައިގަނޑު ސަބަބަކީ ހައްދު ފަހަނައަޅާފައިވާ އިސްލާމީ ހިޔާލުތައް ފެތުރުން ކަމަށް ބުނެ އެވެ. (އަލްޖަޒީރާ)