21 Jan 2016, 11:08
މަސްތުވާތަކެތި ގެންގުޅުނު މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ލ. ކުނަހަންދޫ އިތުމަތީގޭ ސައުދުﷲ ގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 20 އޭޕްރީލް 2013 ވަނަ ދުވަހުގެ ރޭ މެންދަމު 3:50 އެހައިކަންހާއިރު މަސްތުވާތަކެތި ގެންގުޅުނު މައްސަލައާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި ވަނީ ބާޒާރުމަތީ ހުންނަ އާންމު ފާޚާނާ ބަރި ކައިރީ ސައުދުﷲ ހުއްޓައި އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރި ވަގުތު އޭނާ ލައިގެން ހުރި ސޯޓުގެ ފައިކުރިއާ ދިމާލުން މަސްތުވާތަކެތި އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ވެއްޓުނުކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އެދަޅުގައި ހުރި ތަކެތި ތަހުލީލު ކުރިއިރު އޭގައި 23.3233 ގްރާމް ކެނެބިސް ހުރިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ސައުދުﷲ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.