21 Jan 2016, 11:23
އިނގިރޭސި އެފްއޭ ކަޕުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ލިވަޕޫލް އާއި ޓޮޓެންހަމް އެ މުބާރާތުގެ ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ލިވަޕޫލް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރު ކުރީ، ރޭ އެކްސްޓަ ސިޓީއާ ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. ޓޮޓެންހަމް އިން ހަތަރު ވަނަ ބުރުގެ ޖާގަ އެއް ކަށަވަރު ކުރީ 2-0 ގެ ނަތީޖާ އަކުން ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު އެ މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 10 ވަނަ މިނެޓްގައި ޖޯ އެލެން ވަނީ އެ ޓީމަށް މެޗުގެ ލީޑުނަގައިދީފަ އެވެ. ލިވަޕޫލްގެ ދެ ވަނަ ގޯލް މެޗުގެ 74 ވަނަ މިނެޓްގައި ޝޭއި އޮޖޯ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ގޯލް މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔާއޯ ކާލޮސް ޓަކްސޭރާ އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލެސްޓާ ސިޓީ އާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ލީޑު ނަގައި ދިނީ ސަން ހިއަންމިން އެވެ. ޓޮޓެންހަމްއިން ރަނގަޅަށް ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ގޯލް މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޗެޑްލީ އެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލް ބައްދަލު ކުރާނީ ވެސްޓްހަމް އެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ލީގު 1ގައި ކުޅެމުން އަންނަ ކޮލްޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.