21 Jan 2016, 11:20
ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯން ގްރޫޕް 'ސީ' ގައި ރާއްޖެއާ ގަތަރު ކުޅުނު މެޗް ލަސްކޮށް ފަށާފައިވުމުން ދުނިޔޭގެ ފުޓްބޯޅައިގެ މަރުކަޒީ އިދާރާ ފީފާއިން ރާއްޖެއަށް އިންޒާރު ދީފަ އެވެ.
ފީފާއިން މި މަހު ޢާންމުކޮށްފައިވާ ގަރާރުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ޖޫން މަހު 11 ވަނަ ދުވަހު މާލޭގައި ރާއްޖެއާ ގަތަރު ކުޅުނު މެޗުގެ ފަށާފައި ވަނީ ލަސްކޮށް ކަމަށާއި އެހެންވެ ދެ ވަނަ ހާފު ވެސް ފަށާފައި ވަނީ ކަނޑައެޅިފައިވާ ވަގުތައްވުރެ ފަސްކޮށް ކަމަށެވެ.
ފީފާއިން ރާއްޖެއާ ދެކޮޅާށް ފިޔަވަޅު އަޅާފައި ވަނީ ފީފާގެ ޑިސްޕްލިނަރީ ކޯޑްގެ 52 ވަނަ މާއްދާ އާއި ފީފޯ ވޯލްޑްކަޕް ކޮލިފައިންގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ރިއާޔަތްކޮށް ކަމަށެވެ.
މިކާމާ ބެހޭ ގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މެޗު ފެށުމުގެ ހުރިހާ ކަމެއް ކަނޑައަޅަނީ މެޗް ކޮމިޝަނަރު ކަމަށާއި ނަމަވެސް އެފަދަ ކަމެއް ދިމާވެއްޖަނަމަ އެ ކަމުގެ ޒިންމާ ނަގަން ޖެހޭނީ ހޯމް ޓީމު ނިސްބަތްވާ ގައުމު ކަމަށެވެ.
ފީފާއިން ވަނީ ކޮލިފައިން މެޗުތަކުގައި ދިމާވި މައްސަލަތައް ފާހަގަ ކުރުމަށްފަހު ގުރޫޕް 'ސީ' ގައި ރާއްޖޭގެ އިތުރުން ހޮންކޮންގ އާއި ޗައިނާއާއި ބޫޓާންއަށް ވެސް ފިޔަވަޅު އަލާފަ އެވެ.
މިގޮތުން ބޫޓާން 5000 ސްވިސް ފްރޭންކުން ޖޫރިމަނާ ކޮށްފައިވާއިރު ހޮންކޮންގ ވަނީ 15 ސްވިސް ފްރޭންކުން ޖުރިމަނާކށްފަ އެވެ.
އެ މައްސަލަތައް ތަކުރާރުކޮށް ފާހަގަވުމުން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރީ އުރުދުންއެވެ. ފިފާއިން ވަނި އެ ގައުމު 90000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.
ފީފާއިން ވަނީ ކޮލިފައިން މެޗުތަކުގައި މައްސަލަތައް ކުރިމަތިވި 60 ގައުމެއްގެ ފާހަގަކޮށްފަ އެވެ.
މިމައްސަލަތައް ތަކުރާރުކޮށް އެންމެ ގިނައިން ފާހަގަކުރެވިފައިވާ ގައުމަކީ ޗިލީއެވެ.