21 Jan 2016, 10:47
ނިމިދިޔަ 2015 ވަނަ އަހަރަކީ، ދުނިޔޭގެ ވައިގެ ފިނި ހޫނުމިނުގެ މައުލޫމާތު ރެކޯޑު ކުރަން ފެށީއްސުރެ، މިހާތަނަށް އެންމެ ހޫނުގަދަ އަހަރު ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނާއި ނާސާއިން ބުނެފި އެވެ.
ދުނިޔޭގެ ޖައްވީ ފިނި ހޫނުމިން ރިކޯޑު ކުރެވެން ފެށީ 1880 ވަނަ އަހަރު އެވެ. މީގެ ކުރިން އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރިކޯޑު ކުރެވިފައި ވަނީ 2014 ވަނަ އަހަރެވެ. އެހެން ނަމަވެސް، 2015 ވަނަ އަހަރު ވެފައި ވަނީ މިހާތަނަށް ދުނިޔެއަށް ކުރިމަތިވި އެންމެ ހޫނުގަދަ އަހަރަށެވެ. އިންޑިއާ އަދި ފާކިސްތާނު ފަދަ ބައެއް ސަރަހައްދުތަކަށް މިއަހަރު ވަނީ އާދަޔާއި ޚިލާފު ހަނަފަސްކަން ކުރިމަތި ވެފަ އެވެ.
ނާސާއާއި އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ދުނިޔޭގެ ވައިގެ ފިނި ހޫނުމިން ހުރީ 14.79 ޑިގްރީ ސެލްސިއަސްގަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ފިނިހޫނުމިނަކީ 14.66 ޑިގްރީ ސެލްސިއަސް އެވެ.
މިއީ، މިދިޔަ 11 އަހަރު ތެރޭގައި، ދުނިޔޭގެ ވައިގެ ފިނި ހޫނުމިނަށް ބަލާ އިރު، އެންމެ ހޫނު ގަދަ އަހަރުގެ ރެކޯޑު މުގުރައިލެވުނު ހަތަރު ވަނަ ފަހަރެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގެ ޖައްވުގެ ފިނިހޫނުމިނަށާއި، މޫސުމަށް ބޮޑެތި ބަދަލުތަކެއް އައީ، އެލް ނީނިޔޯގެ ސަބަބުންނެވެ. އެލް ނީނިޔޯއަކީ މެދުތެރޭ ޕެސިފިކް ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. މި ހާލަތު މެދުވެރިވުމުން، ޕެސިފިކް ކަނޑުގެ އިރުމަތީ ފަރާތަށް ވައިގެ ޕްރެޝަރު ދަށްވެ، ހުޅަނގު ފަރާތަށް ވައިގެ ޕްރެޝަރު މަތިވެ އެވެ.
މަދުވެގެން ކޮންމެ ހަތް އަހަރު ތެރޭގައި ހިނގާ މި "ފިނޯމެނަން"ގެ މުއްދަތު ނުވަ މަހުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް ވެސް ދިގު ދެމިގެން ގޮސްފާނެ އެވެ. މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި އާދަޔާއި ޚިލާފު މޫސުމީ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އެލް ނީނިޔޯ އެވެ.