21 Jan 2016, 10:29
ސްޕެނިޝް ކަޕްގައި އެތުލެޓިކް ކްލަބްގެ މައްޗަށް 1-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އެ މުބާރާތުގެ ސެމީ ފައަނަލާއި ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.
އެތުލެޓިކް ކުލަބްގެ އަމިއްލަ ދަނޑުގައި ކުޅުނު އެމެޗުގައި ބާސާއިން ނިކުތީ އެ ޓީމުގެ މުހިންމު ދެ ފޯވާޑުން ނުލައެވެ. އެއީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި އަނިޔާވި ލިއޮނަލް މެސީ އާއި ސަސްޕެނޑް ކޮށްފައިވާ ލުއިސް ސުއަރޭޒް އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ 18 ވަނަ މިނެޓްގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގައިފަ އެވެ. ރަކިޓިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން އެގޯލް ކާމިޔާބުކޮށްދިނީ، ބާސާގެ އަރަމުން އަންނަ ޒުވާން ފޯވާޑް މުނީރް އަލް ހަދާދީއެވެ. ބާސާއިން ފުރަތަމަ ގޯލު ކާމިޔާބް ކުރިތާ ހަތް މިނެޓް ފަހުން ބިލްބާއޯގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނޭމާ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
އެތުލެޓިކް ކުލަބްގެ ސުން ކަޑުވާލަ ދިން ގޯލު އެމެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ އަޑޫރީޒް އެވެ. އެ ގޯލަށް ފަހު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި އެތުލެޓިކް ކުލަބަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގޮން ގޮސްފަ އެވެ.
މެޗަށް ފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު ނަމަވެސް ބާސާ އިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި ދެވަނަ ލެގްގެ މެޗު ކާމިޔާބް ކޮށް ސެމީ އަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އެ ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު ބާސާގެ ކޭމްޕް ނޯ ގައެވެ.