21 Jan 2016, 10:21
ރާއްޖެ ވަށާ ރިޔަލުގައި ބުރު ޖެހުމުގެ ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެ އެމްއޯޔޫއެއްގައި ސޮއިކުރައްވައިފި އެވެ.
ރާއްޖެ ވަށާއި ރިޔަލުގައި ދަތުރުކުރާ ޕްރޮގުރާމް އިންތިޒާމު ކުރާ އެޓޯލް ސެއިލާއާ އެކު ޓޫރިޒަމް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ހަރަކާތުގައި އެ މިނިސްޓްރީގެ ފަރާތުން ބައިވެރިވި މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ޒުވާނުންނަށް އަންގައިދީ ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރި ކުރުވުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ޓޫރިޒަމް ވަރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ ޕްރޮގުރާމެއް ރައީސް ޔާމީން ފައްޓަވާފައި މިވަނީ. އެގޮތުން އެއާޕޯޓް ތަރައްގީކޮށް ރާއްޖެ އަށް އަންނަ ފަސިންޖަރުންގެ އަދަދު އިތުރުކޮށް އަދި ޓޫރިޒަމްގެ ދާއިރާއަށް ހާއްސަކޮށް ޓާގެޓް ކުރެވިފައި މިއޮތީ އިގްތިސާދު ފުޅާކުރުމަށް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ރާއްޖެ ވަށާ ރިޔަލުގައި ދަތުރުކުރާ ޕްރޮގުރާމު އިންތިޒާމު ކުރާ އެޓޯލް ސެއިލާއާ އެކު އެއްބަސްވުން ބަދަލުކުރަނީ: ސަން ފޮޓޯ
"ސެއިލިންގް އެރައުންޑް މޯލްޑިވްސް"ގެ މެއިން ސްޕޮންސާއެއްގެ ގޮތުގައި އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރާއްޖެ ވަށާ ދަތުރުކުރާ އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނީ އޭނާ ދަތުރު ކުރާނީ ރިޔަލުގައި ކަމަށާއި އެހެންކަމުން ދަތުރު ކުރުމުގައި ވަޔަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. އެހެންކަމުން ދަތުރުގައި ސީދާވާނެ ދުވަހެއް ބުނަން ދަތި ކަމަށް އޭނާ ބުންޏެވެ.
"އެސްޓިމޭޓެޑް ޑޭޓަކަށް މި ބަލަނީ ގާތްގަނޑަކަށް 20 ނުވަތަ 25 ދުވަސް، ދެން ބޮޑަށް މި ބަލަނީ މަންތެއް ކަމަށް،" ގައްބެ ބުންޏެވެ.
އޭނާ ބުނީ ދަތުރު ފަށާނީ މާލޭ އެއް ނަންބަރު ފާލަމުން ކަމަށެވެ. އަދި ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ވަށާލުމަށް ފަހު ހއ. ތުރާކުނާ ދިމާލަށް ކަމަށް އޭނާ ބުންޏެވެ. އަދި ތުރާކުނާއި ހިސާބުން އަނބުރާ މާލެ އައުމަށް ދަތުރު ކުރާނެ ކަމަށް ގައްބެ ބުންޏެވެ.