ދެވަނަ ބޮޑުހަނގުރާމައިގެ ހުޅުގަނޑު ފަޅުވާލި ޖަރުމަނުގެ ހަރުކަށި ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރު އަމިއްލައަށް މަރުނުވާ ކަމާއި އޭނާ ފިއްލަވައިގެން ވަޑައިގެންނެވީ އާޖެންޓީނާ އަށް ކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ސިއްރު ޑޮކިއުމަންޓްތަކަކާ ޙަވާލާދީ އެމެރިކާގެ ކުރީގެ ޖާސޫސީ އެޖެންޓަކު ބުނެފި އެވެ.
ބޮބް ޕަނިޔާ ނަމަކަށްކިޔާ އެމެރިކާގެ ކުރީގެ ޖާސޫސަކު، ފަރަންސޭސި ވެބްސައިޓެއްކަމަށްވާ "އެމް ސިކްސް އިންފޯ" އަށް ދީފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހިޓްލަރު އޭނާގެ ލޯބިވެރިޔާ އެވާ ބްރައުން އާ އެކު އަމިއްލައަށް މަރުނުވާކަން ސީއައިއޭން ދާދިފަހުން ސިއްރުކަން ނައްތާލި 700 އަށް ވުރެ ގިނަ ޖާސޫސީ ޑޮކިއުމެންޓްތަކުގެ ތެރޭގައި ހިމެނޭ ޑޮކިއުމެންޓްތަކުން ހާމަވާކަމުގަ އެވެ. އަދި ހިޓްލަރާ ދެކޮޅަށް ހަނގުރާމަކުރި އިއްތިޙާދީންގެ ލަޝްކަރުން ހިޓްލަރުގެ ބާރުތައް ބަލިކުރުމަށް ފަހު ބާލިންއަށް އެރުމާ އެކު ހިޓްލަރުވަނީ ޓިރިނިވީ ނަމަކަށް ކިޔާ ސަބްމެރީން އެއްގައި ކަނޑުގެ އަޑިން ދަތުރުކޮށް ސްޕޭނަށް ވަޑައިގެންފަ އެވެ. އަދި އެއަށް ފަހު އޭނާ އެ ސަބްމެރިންގައި ހިޓްލަރު ވަޑައިގެންނެވީ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އާޖެންޓީނާ އަށެވެ.

ހިޓްލަރާ ބެހޭ ގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން އިއްތިޙާދީންގެ ލަޝްކަރުތައް ބާލިން އަށް އެރުމާ އެކު ހިޓްލަރު ވަނީ އޭނާގެ ލޯބިވެރިޔާ އެވާ ބްރައުން އާ އެކު އަމިއްލައަށް މަރުވެފަ އެވެ. އަމިއްލަ އަށް މަރުވުމަށް ޓަކައި އޭނާ އަމިއްލައަށް ބޮލަށް ފިސްތޯލައިން ވަޒަންތަކެއް ޖެހުމަށް ފަހު ސައިނައިޑް ގުޅައެއް ފަރިއްކުޅުއްވި ކަމަށް ވެސް ހިޓްލަރާބެހޭ ގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތައް ބުނެ އެވެ. ނަމަވެސް ސީއައިއޭން ދާދިފަހުން ސިއްރުކަން ނައްތާލި 700 އަށް ވުރެ ގިނަ ޖާސޫސީ ޑޮކިއުމެންޓްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ޑޮކިއުމަންޓަކުން ހިޓްލަރުގެ އަމިއްލައަށް މަރުވިކަން ކަށަވަރުކޮށްދީފައި ނުވާ ކަމަށް ސީއައިއޭގެ ކުރީގެ ޖާސޫސު، ބޮބް ޕަނިޔާ ބުނެފައިވެ އެވެ.

ހިޓްލަރު އަމިއްލައަށް މަރުވިކަމަށް ބުނާ ސަރަހައްދުން އޭނާގެ ހަށިގަނޑު ވެސް އަދި އޭނާގެ ލޯބިވެރިޔާ އެވާ ބްރައުންގެ ހަށިގަނޑު ވެސް ފެނިފައެއް ނުވެ އެވެ. ހިޓްލަރުގެ އަމިއްލައަށް މަރުވިކަން ކަށަވަރުވެފައިނުވަނީ އޭނާގެ ހަށިގަނޑު ވެސް އަދި އޭނާގެ ލޯބިވެރިޔާ ހަށިގަނޑުގެ ވެސް އެއްވެސް އަސަރެއް އިއްތިޙާދީންނަށް ނުފެނުމުންނެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ޖަރުމަނު ބަލިވެ އިއްތިޙާދީންގެ ލަޝްކަރުތައް ބާލިންއަށް އެރުމާއެކު ޖަރުމަނުގެ އޭރުގެ ލަޝްކަރުތަކުގެ (ހިޓްލަރުގެ ސިފައިންގެ) އިސް ކޮމާންޑަރުންނާއި ހިޓްލަރުގެ ސަރުކާރުގެ ގިނަ އަދަދެއްގެ އިސްފަރާތްތައް ސިއްރިޔާތުގައި ލެޓިން އެމެރިކާގެ ގައުމުތަކަށް ގޮސް ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ފަޅާއަރައިގެން 1950ގެ އަހަރުތަކުގައާއި 1960ގެ އަހަރުތަކުގައާއި 1970ގެ އަހަރުތަކުގައާ އަދި 1980ގެ އަހަރުތަކުގައި ވެސް އޭގެ ތެރެއިން މީހުން އަތުލައިގެންފައިވެ އެވެ.

ހިޓްލަރަކީ ވެސް މިގޮތަށް ލެޓިން އެމެރިކާއަށް ފިލި ބޭފުޅެއްކަމަށްވެ އެވެ. އޭނާ ސަބްމެރިންގައި ވަޑައިގެންނެވި ކަމަށްވަނީ ސްޕޭނުން އާޖެންޓީނާއަށެވެ. އާޖެންޓީނާގެ ޖަންގަލީގެ ސަރަހައްދުތަކުގައި ހިޓްލަރު އުޅުއްވި ކަމަށް "އެމް ސިކްސް އިންފޯ" ވެބްސައިޓްގައި ބުނެފައިވަނީ ސިފަ ބަދަލުކޮށްގެންނެވެ. ދެހާސް ސާދަ ވަނަ އަހަރު ބްރަޒީލްގެ ދަރިވަރަކު ލިޔުނު ޕީއެޗްޑީ ތީސީސް އެއްގައި 1984 ވަނަ އަހަރު ބްރަޒީލްގައި ހިޓްލަރު މަރުވިކަމަށް ބުނެފައިވެ އެވެ. އޭރު ހިޓްލަރުގެ އުމުރުން 95 އަހަރުކަމަށްވެސް ބުނެފައިވެ އެވެ. މިއީ އާޖެންޓީނާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ބްރަޒީލަށްވެސް ހިޓްލަރު ދަތުރުކޮށްފައިވާ ކަމުގެ ހެއްކެތްކަމަށް ބްރަޒީލްގެ ދަރިވަރުގެ ޕީއެޗްޑީ ތީސީސް ބުނެ އެވެ.

ހިޓްލަރު އާޖެންޓީނާ އުޅުއްވި ކަމަށް ބުނަނީ ނަންބަދަލުކޮށްގެން އެޑޮލްފް ލައިޕިޒިންގެ ނަމުގައެވެ. ބްރަޒީލްގެ ދަރިވަރު ބުނާގޮތުން އޭނާ ވަނީ 1984 އަހަރު ހިޓްލަރު މަރުވުމުގެ ކުރިން އޭނާ އާ ބައްދަލުވެ ވާހަކަވެސް ދައްކާފައެވެ.