އިތުރު ހެލިކޮޕްޓަރަކާއި ފިކްސްޑް ވިންގް އެއާކްރާފްޓެއް ރާއްޖެ އަށް ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެސް މިނިސްޓަރު އާދަމް ޝަރީފު، ސޯޝަލް މީޑިއާ ފޭސްބުކްގައި އިއްޔެ ވިދާޅުވެފައި ވަނީ އިންޑިއާގެ ޑިފެންސް އޮފިސަރުންނާއި ޑިފެންސް މިނިސްޓަރާ އެކު އިއްޔެ ބައްދަލުކުރެއްވި ކަމަށެވެ. ރާއްޖެ އަށް ހެލިކޮޕްޓަރަކާއި ފިކްސްޑް ވިންގް އެއާކްރާފްޓަކާއި ހެލިކޮޕްޓަރެއް ހަދިޔާކުރައްވާނެ ކަމަށް އެ ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވައުދުވެވަޑައިގެންނެވި ކަމަށް ވެސް ޝަރީފު ވިދާޅުވެފައިވެ އެވެ.

ސަލާމަތީ ކަންކަމުގައި ރާއްޖެ އަށް އެންމެ ބޮޑު އެހީތެރިކަމެއްދޭ ގައުމުގެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން އަނެއްކާ ވެސް ދީފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުންޏެވެ.

އިންޑިއާ އިން އެ ޔަގީންކަން ރާއްޖެއަށް ދިނީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އެގައުމުގެ ޑިފެންސް މިނިސްޓަރު މަނޯހަރު ޕަރިކާރް ބޭއްވެވި ބައްދަލުވުމުގައި ކަމަށް ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުންޏެވެ.

ދިފާއީ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އެއްބާރުލުން މިހާރަށް ވުރެ ފުޅާކުރުމަށް ވެސް ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ މަސްދަރުތަކާ ހަވާލާދީ ނޫހުން ބުންޏެވެ.

"... އަހަރެމެން އެމީހުންނަށް ބުނިން ސިއްހަތާއި ތައުލީމު ފަދަ އެހެން ދާއިރާތަކުން އެހީވުމުގެ އިތުރުން ސަލާމަތީ ގޮތުން މައިގަނޑު އެހީތެރިޔާގެ ގޮތުގައި އަހަރެމެން ތިބޭނަމޭ،" އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ފަރާތުން ބިޒްނަސްސްޓޭންޑާޑް ނޫހާ ވާހަކަ ދެއްކި މަސްދަރު ބުނި ކަމަށް ނޫހުން ބުންޏެވެ.