ބޮލީވުޑްގެ ތަރި ތުޝާރު ކަޕޫރު، ގިނަ ބަޔަކު ދަންނަނީ ކޮމީޑިއަން އެއްގެ ގޮތުގަ އެވެ. ގޯލްމާލްގެ ފިލްމުތައް ފަދަ ފިލްމުތަކުގައި އޭނާ އަދާކޮށްފައިވާ ކޮމެޑީ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ. ގިނަ ބަޔަކަށް އޭނާ ކަމުދަނީ ވެސް އެފަދަ ރޯލުތަކުންނެވެ.

ތުޝާރުގެ އެންމެ ފަހުން ކުޅުނު ފިލްމު "ކްޔާ ކޫލްހޭ ހަމް 3" ޕްރޮމޯޓު ކުރުމަށް ނިއުދިއްލީ ގައި ބޭއްވި ހަފްލާއެއްގައި ވެސް އޭނާ ވަނީ ކޮމެޑީ ރޯލު ކުޅުން ދުވަހަކު ވެސް ހުއްޓާ ނުލާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ކޮމެޑީ ރޯލު ކުޅުން ހުއްޓާލަންވީ ކީއްވެ؟ ގިނަ ބަޔަކު އަހަރެން ބަލައިގަންނަނީ އެ ރޯލުން. އަދި ގިނަ ބަޔަކު އަހަރެން ދެކެން ބޭނުން ވަނީ ވެސް އެފަދަ ރޯލުތަކުން"، ތުޝާރު ބުންޏެވެ.

އެހެންނަމަވެސް، އެހެނިހެން ރޯލުތައް ކުޅެން އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ އެ ރޯލުތައް ވެސް ކުޅޭނެ ކަމަށް ތުޝާރު ބުންޏެވެ.

"ޝޫޓުއައުޓް، ޝޯރް އިން ދަ ސިޓީ، ފަދަ ފިލްމުތައް ކުޅެން އަހަންނަށް ލިބިއްޖެ ނަމަ ކުޅޭނަން...."، ތުޝާރު ބުންޏެވެ.

ތުޝާރު ފިލްމީ ދާއިރާ އަށް ތައާރަފުވީ 2001 ވަނަ އަހަރު ރިލީޒު ކުރި ފިލްމު، "މުޖެ ކުޗް ކެހެނާ ހޭ" އިންނެވެ. އެއަށް ފަހު އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.