ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާ ގައުމީ ސްވިމިންގް ޓީމު އިތުރު ޓްރޭނިންގް ހެދުމަށް ޝްރީލަންކާގައި ކޭމްޕްކޮށްފި އެވެ.

އެޓްރޭނިން ކޭމްޕްގައި ސްވިމިންގެ އަންހެން ޓީމާ ފިރިހެން ޓީމު ވެސް ބައިވެރިވެ އެވެ.

ރާއްޖޭގެ ޓީމުގެ ކޯޗް އިސްމާޢީލް ފަރުހާންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމްގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސްގަތަދާތަ ސްޓޭޑިއަމްގެ ފަތާ ފެންގަނޑުގަ އެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ސަން އަށް ވިދާޅުވީ ލަންކާގެ ރެއިންބޯ އެކްއެޓިކްސް ސްވިން ކްލަބުގެ ޓްކެނިކަލް އެހީތެރިކަން ރާއްޖެ އިން ހޯދާނެ ކަމަށެވެ.

އަދި ޓްރޭނިން ކޭމްޕްގެ ބައެއް ޕްރޮގްރާމްތައް އެކްއޭޓިކްސްގެ ސްވިމިން ޓްރެކްގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްމާޢީލް ވިދާޅުވި އެވެ.

ލަންކާ އިން ލިބެންހުރި ވަސީލަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ސްގަތަދާތަ ސްޓޭޑިއަމްގެ ފަތާ ފެންގަނޑަކީ އެތަނުގައި އިންޓާނޭޝަނަލް މުބާރާތްތައް ވެސް ކުރިއަށްގެންދާ ފަތާ ފެންގަނޑު ކަމަށް އިސްމާޢީލް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސްވިމިން ޓީމު ލަންގާއި މިއަންނަ މަހުގެ ތިނަކާ ހަމަޔަށް ބޭއްތިއްބުމަށް މަސައްކަތް ކުރާ ކަމަށާއި އެހެންވެއްޖެ ނަމަ ޓީމު ރާއްޖެ ނައިސް ސީދާ ދާނީ އިންޑިއާ އަށް ކަމަށެވެ.

"އަދި އެކޮޅުން އައުމުގެ ޓިކެޓް މުޅިން ކޮންފާމެއް ނުވޭ. ރާއްޖެ އަންނަންޏާ އަންނާނީ ފެބްރުއަރީ މަހު އެކެއްގައި، އެއަށް ވުރެ ފަސް ވެއްޖެއްޔާ ޓީމު ދާނީ ރާއްޖެ ނައިސް ސީދާ އިންޑިއާ އަށް. އެއީ ހަތަރު ވަނަ ދުވަހު އަޅުގަނޑުމެން އެތަނުގައި ތިބެންޖެހޭ،" އިސްމާޢީލް ވިދާޅުވި އެވެ.