21 Jan 2016, 09:15
ބައެއް ފަހަރުވާ ގޮތެކެވެ. ނިދަން ތައްޔާރުވެގެން އެނދަށް އަރައި އޮށޯތުމަށް ފަހު ވެސް ނުނިދެ އެވެ. އެނދުގައި އޮށޯވެގެން އޮންނަ ހިތެއް ވެސް ނެތެވެ. ބައެއް ފަހަރު ނިދި ނުވެސް އާދެ އެވެ. މާދަމާގެ އިރު އަރަން ދެން ވެސް މިހެން ނުނިދާ އޮވެވިދާނެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މާދަމާ ދުވާލު އޮފީހަށް ގޮސް ނިދާނީ ހެއްޔެވެ؟
ނިއުޓްރިޝަނިސްޓް އަދި ސްޓްރެސްއާ ބެހޭ މާހިރު ޝާލޮޓް ވޮޓް ބުނާ ގޮތުގައި، ނިދުމާ ބެހޭ ގޮތުން މާ ބޮޑަށް ފިކުރު ކުރާ ނަމަ، ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ މާ ގާތް ކަމެކެވެ. އޭނާ ވަނީ، ނިދަން އުނދަގޫވާ ނަމަ ކުރެވިދާނެ ހަތް ކަމެއް ހުށަހަޅައިފަ އެވެ.
1. އެނދުގައި އޮށޯތުމަށް ފަހު ނުތެދުވާތި!ނިދަން ބޭނުން ނަމަ ޖެހޭނީ، ވީހާވެސް ހަށިގަނޑުގެ ހަރަކާތް މަދުކޮށްގެން އޮށޯވެ އޮންނާށެވެ. އެނދުން ތެދުވަން ޖެހިއްޖެ ހާލަތެއް ވިއްޔާ، މާ އަލިގަދަ ނުކޮށް، ވީހާ ވެސް މަޑުކޮށް އަލި ބޭނުންކުރާށެވެ.
2. ގަޑިއަށް ނުބަލާތި!ނަފްސާނީ ގޮތުން ބަލާ އިރު، ގަޑިންވާ އިރު ނުބެލުމަކީ، ގަޑިން ވީ ވަގުތާ މެދު ފިކުރު ކުރެވޭ މިންވަރު ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމުން، ނިދަން އޮށޯތުމަށް ފަހު ގަޑިއަށް ނުބަލައިފި ނަމަ، ގެއްލިގެން ދާނީ ކިތައް ގަޑިއިރުގެ ނިދި ކަމާ މެދު ފިކުރު ކުރެވުމަކީ ދުރުގައިވާ ކަމެކެވެ.
3. އޮށޯވެ، އަރާމު ކޮށްލާ!އެނދުގައި އޮށޯވެ އޮވެ، ހަށިގަނޑަށް ރެސްޓު ލިބޭ ކަމާ މެދު ވިސްނައި، އުފާ ކުރާށެވެ. އޭރުން ހިތްހަމަ ޖެހުން ލިބި، އެހެނިހެން ފިކުރުތަކުން ސަލާމަތް ކޮށްދޭނެ އެވެ.
4. ތިމާ އޮތް އެނދަކީ ރައްކާތެރި ތަނެއްކަން ހަނދާން ކޮށްލާ!ފިކުރުތަކާއި ބޭކާރު ޚިޔާލުތައް ދޫކޮށްލުމަށް ފަހު، ހިތްހަމަޖެހުން ހުރި ކަންކަމާ މެދު ވިސްނާށެވެ. ހިތް ނުރުހޭ ކަންކަން ހަނދާންވާ ނަމަ، ތިމާ ތި އޮތީ ތިމާގެ ރައްކާތެރި އެނދުގައި ކަން ހަނދާން ކޮށްލާށެވެ.
5. ކަންކަން "އިމޭޖިން" ކުރޭ!ނިދަން އަރައި އޮށޯތުމަށް ފަހު، ހުރިހާ ބާރެއް ސިކުނޑިއަށް ދޫކޮށްލާށެވެ. ކަންކަން "އިމޭޖިން"ކޮށް ހެދުމަށް ސިކުނޑިއަށް ބާރު ދޭށެވެ.
6. ވާހަކައެއް އަޑު އަހާލާ!ނުނިދޭ ނަމަ، އޯޑިއޯބުކްއެއް ނުވަތަ ޕޮޑްކާސްޓެއް އަޑު އަހާލާށެވެ. އޯޑިއޯބުކްއަކީ، މީހެއްގެ އަޑުން ރިކޯޑު ކުރެވިފައިވާ ވާހަކަ އެވެ. ހިތްހަމަޖެހުމާ އެކު، މަޑުމައިތިރި އަޑަކުން ޗާލު ވާހަކައެއް ކިޔައިދޭ އަޑު އަހާލުމުން ނިދި އައިސްދާނެ އެވެ.
7. ކުރެވޭ ފިކުރުތައް ކަރުދާހުގައި ލިޔެލާ!ކަންކަމާ މާ ބޮޑަށް ފިކުރު ކުރެވޭ ނަމަ، ކުރެވޭ ފިކުރުތައް ފޮތެއްގައި ލިޔުމަށް މަސައްކަތް ކޮށްލާށެވެ.
މަސްދަރު: އައި ހަންޑްރެޑް އިންޑިޕެންޑެންޓް