ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސް )އަތްބަޅޭ(ގެ ކަށިތައް ކަމަށް ސަރުކާރުން ބުނާ ކަށިތައް ހިންމަފުށީ، ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގު ކުރިއަށް ދަނިކޮށް، އެ މައްސަލައާ ގުޅޭ ފައިލްތަކެއް ގެއްލިފައިވާ ކަމަށް ރައީސް އޮފީހުން ބުނާ ފައިލް "މިސްޕްލޭސްވި" ކަމަށާއި ނަމަވެސް މިހާރު އެ ފައިލް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އެ މައްސަލާގެ ތަހްޤީޤް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޝަނުނަށް ބޭނުން ވެގެން ހޯދާ ފައިލެއް ގެއްލިފައިވާ ކަމަށް ބުނެ އެމައްސަލަ ތަހްޤީޤް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަށް އިއްޔެ ބަދަލުގެންނަވާފައި ވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު ކަށިތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ސަރުކާރުގެ ކަމާބެހޭ އެކިއެކި އިދާރާތަކުން އެއްކޮށްފައިވާ ލިޔުންތަކުގެ ކޮޕީތަކެއް، ހިމެނޭ އެ ފައިލް "މިސްޕްލޭސް" ވި ކަމަށާއި ނަމަވެސް މިހާރު އެ ފައިލް ފެނިފައިވާ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހްޤީޤާ ބޭހޭ އެއްވެސް މައުލޫމާތެއް ހިމެނޭ ފައިލެއް ގެއްލިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފައިލް ފެނިފައިވަނީ ރައީސް އޮފީހުން އެފައިލް ގެއްލުނު ކަމަށް ބުނި ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

" އެ މައްސަލައާ ބެހޭ ފައިލް މިސްޕްލޭތްވި. ނަމަވެސް މިހާރު އެ ފައިލް ވަނީ ފެނިފައި. އަދި އެކަން ވާނީ ކަމާ ބެހޭ ފަރާތްތަކަށް އަންގާފަ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އިއްޔެ ވިދާޅުވީ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނިފައިވާ ކަށިތަކަކީ އަބްދުﷲ އަނީސް )އަތްބަޅޭ(ގެ ކަށިތައް ކަމުގައި ފާހަގަކުރެވޭ އެތަކެއް ޤަރީނާއެއް ފެނިފައިވާ ކަމަށާއި އެކޮމިޝަނަށް ބަދަލުގެންނެވީ އެމައްސަލާގެ ތަހްޤީޤް ކުރިއަށްދަނިކޮށް ޑީޕީއާރުއެސް އިން ނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަމާ ބެހޭ ލިޔުންތައް ގެއްލިފައިވާ ކަމަށް ބުނެފައިވާތީ ކަމަށެވެ.

" ކޮމިޝަނަށް ބަދަލުގެނެސްފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް އައިސްފައިވާ ގޮތުން. ކުރިން އޮތް ކޮމިޝަނުން އެ މައްސަލަ ތަހްޤީޤް ކުރުމަށް އަތްބަޅޭ ޖަލުގައި ހުރި އިރު އޭނާ އާ އެކު ޖަލުގައި ހުރި ކުށްވެރިންގެ ލިސްޓް ހޯދުމަށް ޑީޕީއާރުއެސްގައި އެދުނު ނަމަވެސް އެލިސްޓް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. މީގައި އެކޮމިޝަންގެ މައްސަލައެއް ނެތް. މިހާރު ކޮމިޝަނަށް ބޭނުން ވަނީ ޤާނޫނީ ސަލާމަތީ އަދި ތާރީހީ ބޭފުޅުން. އެހެންވެ އެބަދަލު ގެންނެވީ،" ޒުހެއިރު ވިދާޅުވި އެވެ.

ރައީސް ބަދަލުގެންނެވި ރިޔާސީ ކޮމިޝަންގައި މިހާރު ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ ހެންވޭރު ތަނޑިރަތްމާގޭ އަމީން ފައިސަލާއި ހެންވޭރު ސީސައިޑް ޑރ. އަހްމަދު އަލީ ސަވާދާއި ހެންވޭރު ޝަފީޤުގޭ މުހައްމަދު ޝަފީގެވެ.

މިކަމާ ގުޅިގެން ޑީޕީއާރުއެސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.