20 Jan 2016, 23:27
މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އަޑޭލްގެ އެންމެ ފަހުގެ ލަވަ "ހެލޯ"، 88 ދުވަހުގެ ތެރޭގައި ޔޫޓިއުބުގައި އެއް ބިލިޔަން ވިއުސް ހޯދައި، ދެކުނު ކޮރެޔާގެ ލަވަކިޔުންތެރިޔާ ސައިގެ "ގަންގްނަމް ސްޓައިލް"ގެ ރިކޯޑު މުގުރާލައިފި އެވެ.
ޔޫޓިއުބުގައި އެއް ބިލިޔަން ވިއުސް ހޯދި އެންމެ ފުރަތަމަ ވީޑިއޯއަކީ ސައިގެ ގަންގްނަމް ސްޓައިލެވެ. ހަތަރު މިނިޓުގެ އެ ވީޑިއޯއަށް އެއް ބިލިޔަން ވިއުސް ލިބިފައިވަނީ، ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑު ކުރިތާ 159 ދުވަސް ފަހުންނެވެ.
އެހެން ނަމަވެސް އަޑޭލްގެ "ހެލޯ" މިވަނީ މާ ބޮޑަށް މަޤްބޫލު ވެފަ އެވެ. އަށް މިނިޓުގެ ވީޑިއޯ "ހެލޯ"އަށް އެއް ބިލިޔަން ވިއުސް ލިބިފައި ވަނީ، އެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑު ކުރެވުނުތާ 88 ދުވަސް ތެރޭގަ އެވެ.
އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް ބިލިޔަން ވިއުސް އެންމެ އަވަހަށް ހޯދި ވީޑިއޯގެ ރިކޯޑު، އަޑޭލްގެ "ހެލޯ"އަށް ލިބިފައިވާ ކަމަށް ގިނިސް ވޯލްޑް ރިކޯޑްސްއިން މިއަދު ވަނީ އިޢުލާނު ކޮށްފަ އެވެ.
އަޑޭލް ވިހެއުމަށާއި، އޭނާގެ ދަރިފުޅުގެ ތުއްތު ދުވަސްކޮޅަށް އަމާޒުކޮށް، ހަތަރު އަހަރުގެ ވަގުތީ "މެދުކެނޑުމަކަށް" ފަހު އެނބުރި އައި އިރު ގެނައި "ހެލޯ" ޔޫޓިއުބަށް އަޕްލޯޑު ކުރި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް އެ ވީޑިއޯއަށް 27.7 މިލިޔަން ވިއުސް ލިބިފައިވެއެވެ.
މިހާތަނަށް ބަލާއިރު، ޔޫޓިއުބުގައި އެންމެ ގިނަ ވިއުސް ހޯދާފައިވާ ވީޑިއޯއަކީ އަދިވެސް ސައިގެ ގަންގްނަމް ސްޓައިލެވެ. ލިސްޓުގެ ދެވަނައިގައި ޓޭލަރ ސްވިފްޓްގެ ބްލޭންކް ސްޕޭސް ހިމެނޭ އިރު، ތިންވަނައިގައި ވަނީ ވިޒް ޚަލީފާއާއި ޗާލީ ޕުތުގެ "ސީ ޔޫ އެގެއިން" އެވެ. ލިސްޓުގެ ގަދަ 10 ގައި ހިމެނޭ އެހެން ލަވަތަކުގެ ތެރޭގައި "އަޕްޓައުން ފަންކް"، ޖަސްޓިން ބީބަރގެ "ބޭބީ"، ޓޭލަރ ސްވިފްޓްގެ ޝޭކް އިޓް އޮފް، ކޭޓީ ޕެރީގެ ޑާކް ހޯސް، އެންރީކޭ އިގްލޭސިއަސްގެ "ބައިލަންޑޯ"، ކޭޓީ ޕެރީގެ "ރޯރ" އަދި މޭގަން ޓްރެއިނޯރގެ "އޯލް އަބައުޓް ދެޓް ބޭސް" ވެ އެވެ.
ޔޫޓިއުބުގެ މުޅި ޖުމްލަ ވިއުސްއަށް ބަލާ އިރު، އަޑޭލްގެ "ހެލޯ" އަކީ މިހާތަނަށް އެންމެ ގިނައިން ބެލިފައިވާ ވީޑިއޯތަކުގެ ލިސްޓުގެ 17 ވަނައިގައިވާ ވީޑިއޯ އެވެ.