ޗައިނާއިން އިސްނަގައިގެން އުފެއްދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެޤައުމުގެ ރައީސް ޝީ ޖިން ޕިންގް، ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދު އައްޔަނު ކުރައްވައިފިއެވެ.

މިކަން ހާމަ ކުރައްވާފައި ވަނީ، އޭއައިއައިބީ ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްޔަނު ކުރެވިފައި ވަނީ އޭއައިއައިބީގެ އޮލްޓަނޭޓިވް ޑިރެކްޓަރުގެ މަޤާމަށް ކަމަށެވެ. އަދި މިއަހަރުގެ ޖޫން މަހާއި ހަމައަށް، އޭއައިއައިބީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރާނީ ދިވެހި ރާއްޖޭގެ ފަރާތުން ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މި މަޤާމު ރާއްޖެއިން ފުރުމަށް ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ ފައުންޑިންގް މެމްބަރެއްގެ ގޮތުގައި އޮވެ، މި ހަފްތާގައި ރަސްމީކޮށް އިފްތިތާހު ކުރެވުނު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކަކީ، 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ރައުސުލްމާލަކާއި އެކު އިފްތިތާހު ކުރެވުނު ބޭންކެކެވެ. މި އަދަދަކީ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޖުމްލަ ރައުސުލްމާލުގެ ތިންބައި ކުޅަ ދެބައި އަދަދެވެ. އަދި ވޯލްޑް ބޭންކްގެ ދެބައިކުޅަ އެއްބަޔަށް ވާ އަދަދެވެ.

އޭއައިއައިބީ އުފެދިގެން އައީ، 57 ފައުންޑިންގް މެމްބަރުންނާއި، އެކުގަ އެވެ.

އޭއައިއައިބީ އިފްތިތާހު ކުރުމާއި ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫތަކަށް ފައިސާ ފޯރުކޮށް ދޭ އެ ބޭންކުން މިއަހަރު ތެރޭގައި ލޯން ދޫކުރުމަށް ނިންމާފައި ވާ އިރު، ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައި ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެ ބޭންކުގެ ރައީސް ދެއްވާފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެ ކަހަލަ ގައުމަކަށް ލިބިގެންދިޔަ، މިފުރުސަތުގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫތަކަށް ފައިސާ ހޯދުމަށް ވަރަށް ބޮޑަށް މަގުފައިވެގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.