ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލެއްސުޕްރީމް ކޯޓުން ނެރެފިއެވެ.

ސުޕްރީމް ކޯޓުން އެފަދަ އުސޫލެއް އެކަށައަޅާފައި ނެތްއިރުވެސް އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރުން ބަދަލުކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަމުންދިޔައިރު، ސުޕްރީމް ކޯޓުން އަންގާފައި ވަނީ އެ ކޯޓުގެ ލަފައެއް ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އުސޫލުގައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެއް ކޯޓުން އަނެއް ކޯޓަށް ދަށު ކޯޓެއްގެ ފަނޑިޔާރަކު ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި ގެންގުޅެއްވީ ހަމަތައް އެ ސާކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.

އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރާނަމަ އެ ފަނޑިޔާރަކު ބަލަމުން ދިޔަ މައްސަލަތަކުގެ ތެރެއިން ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވާ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ދޭންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.