21 Jan 2016, 09:34
(ކޮލޮމްބޯ، ސްރީލަންކާ): ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގައި ދެ ދުވަހު މަޑުކުރެއްވުމަށް ފަހު ރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.
މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ކުރިން ކޮލޮމްބޯގައި ހުންނެވި ދެ ދުވަހުގެ ތެރޭގައި ވަނީ ލަންކާގައި ތިބި، ނަޝީދުގެ ަސަޕޯޓަރުންނާއި އަދި އާއިލީ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު، ރައީސް ނަޝީދު ކޮލޮމްބޯގައި މަޑުކުރައްވާ ހޮޓެލް ކަމުގައިވާ ދަ ހިލްޓަން ކޮލޮމްބޯ ގަ އެވެ.

މައިބަދައިގެ އޮޕަރޭޝަން ކުރެއްވުމަށް ޔޫކޭއަށް ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު، ލަންކާގައި ދިރިއުޅޭ ބައެއް ދިވެހީންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
ނަޝީދު ކޮލޮމްބޯގައި ހުންނެވި އިރު، އެމަނިކުފާނު ވަނީ ކޮލޮމްބޯގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބެހޭ މަޢުލޫމާތު އެބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.
ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ދަތުރުފުޅަށް ސަރުކާރުން ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.