އަނބިމީހާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު، 40،ގެ ބަންދުގެ މުއްދަތު ހަވަނަ ފަހަރަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ، ޝާހްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް މިއަދު ޖަހައިދީފައިވާ ކަމަށެވެ.

ޖިންސީ އަނިޔާތަކެއް ލިބުނު ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދާއަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ހަމައެއާ އެކު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ވީހާވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.