ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް ގައުމީ އަންހެން ބާސްކެޓްބޯލް ޓީމުވެސް ސަރުކާރުގެ ޚަރަދުގައި ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖީލީހުން ސަރުކާރުގެ ޚަރަދުގައި އޭޝިއަން ގޭމްސްއަށް ފޮނުވާ ޓީމުތަކުގެ ލިސްޓްގައި ބާސްކެޓްގެ އެއްވެސް ޓީމެއްއް ނުހިމެނެއެވެ.

ބާސްކެޓްގެ ފިރިހެން ޓީމު ސަރުކާރުގެ ޚަރަދުގައި މުބާރާތައް ފޮނުވަން ރައީސް ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމަވާފައިވާއިރު، އަންހެން ޓީމް މުބާރާތައް ފޮނުވަން އެމަނިކުފާނު ނިންމެވީ މިއަދުއެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ ރައީސްގެ އެ ނިންމެވުމުގެ ސަބަބުން ބާސްކެޓު އަންހެން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ހިގައްޖެ ކަމަށެވެ. އެ ނިންމުން ނިންމެވުމުގައި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުގެ މުހިންމު ދައުރެއް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސައުތު އޭޝިއަން ގޭމްސްއަށް ބާސްކެޓުގެ އަންހެން ޓީމް ތައްޔާރުވެފައި އޮތް މިންވަރު ރައީސް ޔާމީން ވަނީ ބައްލަވާފައި. ރައީސް އެ ނިންމެވުން ނިންމެވުމުގައި އެންމެ ބޮޑަށް ބެލީ އެކަމަށް. ޔޫތު މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އަޅުގަނޑުމެންވާނީ އެ މުބާރާތައް ޓީމް ތައްޔާރުވެފައި އޮތް މިންވަރު ހިއްސާކޮށްފައި،" އާރިފް ރިޒާ ވިދާޅުވިއެވެ.