ކުރީގެ ސަރުކާރުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ އަދި ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ހާއްސަ މަންދޫބު އިބްރާހިމް ހުސެން ޒަކީ ހިންގަވާފައިވާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝާނާއި ފަސާދައިގެ އަމަލުތަށް ތަހުގީގު ކުރުމަކީ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ލާޒިމްކަމެއް ކަމަށް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި އިބްރާހިމް ލުތްފީ (ސަންދާނު ލުތުފީ) މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ސަބަބުތަކާހުރެ އަމިއްލަ އަށް އަރުވާލެވިގެން ސުވިޒަލޭންޑްގައި ދިރިއުޅުއްވާ ލުތުފީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އިންޓަނެޓް އާންމުކުރެއްވެވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގެ އިސް ވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާއިރު ކޮރަޕްޝަނާއި ފަސާދަ އާއި އަހުލާގީ މައްސަލަތަކުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ޒަކީގެ މައްސަލަ ވެސް އެއްހަމައަކުން އެއް އުސޫލަކުން ތަހުގީގު ނުކުރުން އެއީ ސަރުކާރުން ރައްޔިތުންނަށްވާ ބޭވަފާތެރިކަމެއް ކަމަށެވެ. އެގޮތުން ޒަކީގެ މައްޗަށް ގައުމީ ފެންވަރުގެ ފުޅާ ތަހުގީގެއް ހިންގަން ސަރުކާރަށް ގޮވާލައްވަމުން ލުތުފީ ވިދާޅުވީ "ޖަރުމަނު ވިލާތުގެ އެލްޓީޔޫއިން ރާއްޖޭގައި ގާއިމް ކުރަން ބޭނުންވި މަތިންދާ ބޯޓު މަރާމާތު ކުރުމުގެ ކާރުހާނާ ހުއްޓުނު ގޮތް، އެތަކެއް ރިސޯޓު ކަޝިޔާރު މަގުން ހެޔޮއެދޭ ފަރާތްތަކަށް ހަމަޖެހިގެން ދިޔަގޮތް، އައްޑުއަތޮޅުގެ ލިންކް ރޯޑް އަޅަން ނިންމި ގޮތް ބަދަލުކުރަން އުޅުނު ސަބަބު، ހަމަ އެއަތޮޅު ވިލިނގިލީ ރިސޯޓު ނުހެދި ދިގުލައިގެން ދިޔަ ސަބަބު، އަމިއްލަ ފުޅަށް ހޯއްދެވި ކަމަށް ބުނެވޭ ރިސޯޓާއި އަމިއްލަފުޅު ގެ އެޅުއްވި ކަންކަމަކީ ކުޑަ ފަދަ ތުހުމަތަކެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި ދިވެހި ގައުމުގެ މިނިވަންކަން ނަގާލުމުގެ ތުހުމަތެއް ޒަކީގެ މައްޗަށް ކުރެވިފައި ވާކަމަށެވެ.

"... ގައުމަށް ކިތަންމެ މުހިންމު ހިދުމަތެއް ކުރެއްވި ކަމުގައި ވީނަމަވެސް އެމީހަކާއި މެދު ތުހުމަތެއް ކުރެވޭ ކުށަކުން ބަރީއަ ނުކުރެވި އެމީހާ ގައުމާ ހިދުމަތުގައި ހުރުމަކީ އެމީހާގެ ކުށެއް ނެތުމެއް ނޫން. ކުށެއް ކުރިކަމުގެ ތުހުމަތު އޮވެމެ ތަހުގީގު ހިންގިފާ ނެތުމަކީ ވެސް ކުށުން ބަރީއަވުމެއް ނޫން. ޒަކީއާމެދު ކުރެވޭ އިސްވެ ދެންނެވުނު ތުހުމަތު ތަކުގެ ހެކި ހުރީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށްވާތީ ކުށެއްގެ ތުހުމަތުގައިވާ އެއްވެސް ފަރުދަކާމެދު ތަފާތު ނުކުރައްވަވާ ޒަކީގެ މައްސަލަތަށް ތަހުގީގު ކުރެއްވުމަކީ ރައީސުލުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް ލާޒިމްކަމެއް،" ކުރީގެ ސަރުކާރުގައި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އަނިޔާ ލިބިވަޑައިގަތް ލުތުފީ އޭނާގެ ހަތް މިނެޓްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭއަށް ޑިމޮކްރަސީގެނައުމަށް އިސް ސަފުގައި މަސައްކަތް ކުރެއްވި އެއް އެކްޓިވިސްޓް ލުތުފީ ޒަކީގެ މައްޗަށް ކުރެއްވި ތުހުމަތުތަކުން ބަރީއަވަމުން ޒަކީ މިއަދު ވިދާޅުވީ " އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަދި އެފަދަ ކަމެއްގައި އަޅުގަނޑު ޝާމިލްވެފައެއް ނޮއޮންނާނެ. އަޅުގަނަޑަކީ އެފަދަ ކަންކަމަށް ހިތްވަރުދޭ މީހެއްނޫން. އެއީ އަޅުގަނޑާ ދެކޮޅަށް ސިޔާސީ ގޮތުން އަންނަ ހަމަލާތަށް. އަޅުގަނޑާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް އަޅުގަނޑު މަރުހަބާ ކިޔަން. އެކަމަކު ލުތުފީ އެދައްކަވާ ވާހަކައަކީ ތެދެއްނަމަ ދައުވާކޮށް އެކަން މިހާރު އަޅުގަނޑުގެ މައްޗަށް ސާބިތުވެފައި އޮންނާނީ. ލުތުފީމެން އެ ވާހަކަ އެ ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލަން." ކަމަށެވެ.

ލުތުފީގެ މެސެޖް ނިންމަވާލައްވާފައިވަނީ އެމްޑީޕީގެ އެތެރޭގެ ިއންތިހާބުގައި ވޯޓު ދެއްވާއިރު އެ ނުގުތާތަކަށް ވިސްނުމަށް އެމްޑީޕީގެ މެންބަރުންނަށް އިއުތިމާސް ކުރައްވަމުންނެވެ.