ބާސެލޯނާގެ ފޯވާޑް ލިއޮންލަ މެސީ އެ ކްލަބު ނޫން ޔޫރަޕްގެ އެހެން ކުލަބަކުން ފެނިގެން ނުދާނެ ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސި ކުލަބު މެންޗަސްޓާ ސިޓީން މެސީ ހޯދުމުގެ މަސަތްކަތް ކުރާ ކަމަށް އިނގިރޭސި މީޑިއާ ތަކުގައި ބުނަމުން އަންނަ މި ދަނޑިވަޅުގައި މެސީ ބުނީ، އޭނާ އަބަދުވެސް ބުނަމުން އަންނަނީ ބާސެލޯނާ އަކީ އޭނާގެ ގެ ކަމަށާއި ފުޓްބޯޅަ ކުޅުން ހުއްޓާލަން ވެސް ބޭނުން ވަނީ އެ ކުލަބުގައި ހުރެ ކަމަށެވެ.

"ބާސެލޯނާ ނޫން ޔޫރަޕްގެ ކުލަބަކުން ފެނިގެން ދިއުމަކީ ނުވާނެ ކަމައް. އަހަރެންނަކީ އަބަދުވެސް ބާސެލޯނާގެ މީހެއް. މި ކުލަބާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދަން ބޭނުން،" ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއް ގައި މެސީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ މެސީ ބުނީ، ބާސާގައި އޭނާ ކުޅެމުން އައި ނަމަވެސް ފުޓްބޯޅައިގެ ކަންތައްތައް ވާނެ ގޮތް ބުނަން ނޭނގޭނެ ކަމަށާއި ކޮންމެ ފަދަގޮތަކަށް ވެސް ކަންތައްތައް ވެގެން ހިނގައި ދާނެ ކަމަށެވެ.

"އަހަރެންނަށް އެއްވެސް ވަރަކަށް ޝައްކެއް ނުއުފެދޭ އަހަރެންގެ މުސްތަގްބަލް ގެންދާނެ ގޮތަކާއި މެދު. އެއީ ބާސާ ނޫން އެހެން ކުލަބެއް ގައި އަހަރެންނަށް މުސްތަގްބަލެއް ނެތް. އެހެންވެ އަހަރެން ބާސާ ދޫކޮށްލަން ބޭނުން ނުވަނީ،" މެސީ ބުންޏެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ބާސާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވިފައިވާ މެސީ ވަނީ މި ސީޒަނުގައި އެ ޓީމަށް 23 މެޗު ކުޅެދީ 19 ގޯލު ކާމިޔާބް ކޮށްފައެވެ.