ދޫނިދޫގައި ހުންނަވާ ގޮޅީގައި ނިދަނީ އައްޓެއްގެ މަތީގައި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

އަދީބު މިހެން ވިދާޅުވީ އެމަނިކުފާނަށް އާއިލީ ބައްދަލުވުންތައް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ފުލުހުންނާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި އަދީބު ވިދާޅުވީ އޭނާ ދޫނިދޫގައި ނިދަންޖެހެނީ ދެ ފޫޓުގެ އައްޓެއްގައި ކަމަށާއި ނަމަވެސް އޭނާގެ އިސްކޮޅުގައި ފަސް ފޫޓާއި ނުވަ އިންޗި ހުންނަކަމަށެވެ. އެހެންކަމުން ނިދަން ވަރަށް އުނދަގޫ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު އެހެން ވިދާޅުވުމުން އެކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ގާޒީ ކުރެއްވި ސުވާލުގެ ޖަވާބުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެވޭނީ ފުލުހުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށް ފަހު ކަމަށެވެ.

އެހެންކަމުން ގާޒީ މިއަދުގެ މަޝްވަރާ ބައްދަލުވުން ނިންމަވާލެއްވީ އަނެއްކާ ވެސް ހަފްތާއެއްގެ މުއްދަތު ދައުލަތަށް ދެއްވުމަށްފަހު އެވެ.

އަދީބުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އަދީބަށް އާއިލާގެ ބޭފުޅުންނާ ސީދާ ބައްދަލު ނުކުރެވޭ ކަމަށާއި ދޫނިދޫއަށް އާއިލާގެ ބޭފުޅުން ވަޑައިގެން ޖެހެނީ އެތަނުގައި ހުންނަ ފޯނަކުން އަދީބަށް ގުޅުއްވަން ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހުގެ ބައްދަލުވުން ނިންމާލީ ވެސް ޖަވާބުދާރީވާން ދައުލަތަށް ފުރުސަތު ދިނުމަށްފަހު އެވެ.

މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށް އަދީބުގެ ހަގުއަނބި މަރިޔަމް ނަޝްވާ ވެސް ވަޑައިގަތެވެ.

އެ މައްސަލަ އަދީބު ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ އާއިލީ ބައްދަލުވުން ދިނުމުގައި އަދީބާ މެދު ފުލުހުން ތަފާތު ކުރަމުން ގެންދާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އާއި ފުލުހުންގެ އާންމު ގަވާއިދުގެ އިތުރުން ބައިނަލް އަގުވާނީ މުއާހަދާތަކުން ޚަޞްމުންގެ މެދުގައި ހަމަހަމަކަން ލިބިދެވުމުގެ ހައްގާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކުށުގެ ތުހުމަތުގައި ތިބޭ ސިޔާސީ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިންތިޒާމުކޮށް ދެމުން ގެންދިޔަ އިނާޔަތްތައް ތަފާތުކުރުމެއްނެތި އަދީބަށް ލިބިދިނުމަށާއި އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ތަފާތު ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.