20 Jan 2016, 16:30
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނަށް އެދުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރިކޮށްފި އެވެ.
ކުރިން އިއުލާން ކޮށްފައިވާ ގޮތުން މާދަމާގެ ނިޔަލަށް އެލޯނަށް އެދުމުގެ ފުރުސަތު ހަމަވާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން މިމަހުގެ 31 އާ ހަމައަށް އެލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެސްއެމްއީ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ، އެއެޕްލިކޭޝަން އިކޮނޮމިކް މިނިސްޓްރީންނާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހަ ބިޒުނަސް ސެންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށެވެ.
އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް އެ ލޯނަށް އެދެވޭއިރު އަންހެނުންނާއި ޒުވާނުންގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރު ކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަހައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ތިމާވެށި ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް އިތުރަށް މާކްސް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.
ލޯން ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރު ފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާ ހިމެނެ އެވެ.