އައްރިއްގާ (ޖަނަވަރީ 20): ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ މުވައްޒަފުންނާއި އެޖަމާއަތުގެ ހަނގުރާމަވެރިންގެ މުސާރަތައް 50 އިންސައްތައަށް ދަށްކޮށްފިއެވެ.

އައިއެސްގެ ވެރިކަމުގެ ނިޒާމު ހިންގާ ސޫރިޔާގެ އައްރިއްގާގައިވާ އެޖަމާއަތުގެ "ޚަލީފާ" ގެ އޮފީހުން ނެރުނު ބަޔާނެއް ބުނެފައިވަނީ އެޖަމާއަތުގެ މުވައްޒަފުންނާއި އެޖަމާއަތުގެ ހަނގުރާމަވެރިންގެ މުސާރަތައް 50 އިންސައްތައަށް ދަށްކުރުމަށް ނިންމައި އެކަން ތަންފީޒު ކުރަން ފަށާފައިވާ ކަމުގައެވެ. މިގޮތުން އެޖަމާއަތުގެ މުވައްޒަފުންގެ މުސާރައަކީ އެވްރެޖްކޮށް މަހަކު 400 ޑޮލަރު ކަމަށާއި މި މުސާރަ މަހަކު 200 އަށް ދަށްކޮށްފައިވާކަމަށް އެބަޔާން ބުނެއެވެ. ނަމަވެސް އެޖަމާއަތުގެ ދަށުގައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އަސާސީ ތަކެތި ބަހާމިންވަރަށް ބަދަލު ނާންކަމަށާއި މަހަކު ދެފަހަރު ކާބޯތަކެތި ބެހުމުގެ ކަންތައް ކުރިޔަށް ގެންދާނެކަން މިބަޔާނުގައި ކަށަވަރުކޮށްދީފައިވެއެވެ.

އައިއެސްގެ މުވައްޒަފުންނާއި ހަނގުރާމަވެރިންގެ މުސާރަތައް 50 އިންސައްތައަށް ދަށްކުރަންޖެހުނީ އެ ޖަމާއަތަށް މިހާރު ކުރިމަތިވެފައިވާ އިސްތިސްނާއީ ހާލަތާ ގުޅިގެން ކަމަށާއި މިހާލަތަށް ކެތްކުރަންޖެހޭނެ ކަމަށްވެސް މިބަޔާން ބުނެއެވެ.

އައިއެސް އިން މިނިންމުން ނިންމާފައި މިވަނީ އައިއެސް ޖަމާއަތް އުފެދުނު ފަހުން ލިބެމުންދާ އެންމެ ބޮޑެތި ގެއްލުންތައް ފާއިތުވި ހައެއްކަ މަހުގެ ތެރޭގައި ލިބިފައިވާކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ.

ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން އައިއެސްއަށް މިދިޔަ އަހަރުގެ ފަހުކޮޅުގައިވަނީ ސޫރިޔާއާއި އިރާގުގައި އެޖަމާއަތުން ކޮންޓްރޯލް ކުރާ ބިންތަކުގެ ތެރެއިން 30 އިންސައްތަ ބިމުގެ ކޮންޓްރޯލް ގެއްލިފައެވެ. އަދި އައިއެސްއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ސޫރިޔާގެ ތެލުގެ އިންޑަސްޓްރީގެ 40 އިންސައްތަވެސް ހަލާކުކޮށްލެވި އެތަންތަނުގެ ބޭނުން އައިއެސްއަށް މިހާރު ނުހިފޭކަމަށް މިރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން އައިއެސްއިން މިހަފްތާގެ ކުރީކޮޅު ވަނީ އެޖަމާއަތުގެ ފައިސާ ރައްކާކޮށްފައިވާ އެންމެ ބޮޑު ބޭންކް ކަމަށްވާ އިރާގުގެ މުސަލްގެ ބޭންކް އެމެރިކާގެ ވައިގެ ހަމަލާތަކެއްގައި އަނދައި ހުލިވެފައިވާކަމަށް ބުނެފައެވެ. މިއާއެކު އައިއެސްއިން ވަނީ އެ ބޭންކް އަނދަމުންދާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއްވެސް އާންމުކޮށްފައެވެ.

އައިއެސްގެ މުވައްޒަފުންނާއި ހަނގުރާމަވެރިންގެ މުސާރަތައް 50 އިންސައްތައަށް ދަށްކުރުމުގެ ސަބަބަކީ މިދެންނެވި މާލީ އަދި ސަރަހައްދީ ބޮޑެތި ގެއްލުންތައް އައިއެސް އަށް ލިބިގެން ދިޔުންކަމަށް މުހައްލިލުން ދެކެއެވެ. އަނެއްކޮޅުން ޖިހާދުގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިއެސްއާ ގުޅުމަށްދާ ހަނގުރާމަވެރިންގެ އަދަދުވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދަށަށްދާކަމަށް ޚަބަރުތައް ބުނެއެވެ. މިއީވެސް އައިއެސް ބަލިކަށިވަމުންދާކަމުގެ ހެއްކެތްކަމަށް މުރާސިލުން ބުނެއެވެ.

އައިއެސް ބަލިކަށި ވާން ފަށާފައިމިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޝިޔާއިން އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)