އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ޓީސީން ކުރިއަށް ގެންދާ ޓްރެޔަލްއިން މިހާތަނަށް ފާހަގަ ކުރެވުނު ނުވަ ކުޅުންތެރިޔަކު އެ ޓީމުން ސޮއިކޮށްފި އެވެ.

މި ކުޅުންތެރިން ޓީސީއަށް ސޮއިކުރީ ފަސް އަހަރު ދުވަހަށެވެ.

ޓީސީގެ ރައީސް އަޙްމަދު ނާޝިދު (ޑޭވް) "ސަން"އަށް ވިދާޅުވީ ޓީސީގެ ޓްރެޔަލްގައި ބައިވެރިވި ޖުމުލަ 152 ކުޅުންތެރިންގެ ތެރެއިން 45 ކުޅުންތެރިޔަކު (ފުރާނާލައިގެން) ނެގުމަށްފަހު ސޮއި ކުރުވި ކުޅުންތެރިންނަކީ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިން ކަމަށެވެ.

ހުކުރު ދުވަހު ޓީސީގެ މިހާރުގެ އޮތް ޓީމާއި ދެކޮޅަށް ޓްރެޔަލްގައި ވާދަ ކުރާ ކުޅުންތެރިންގެ ޓީމުން މެޗެއް ކުޅުމަށްފަހު އެ މެޗުގައި ފާހަގަ ކުރެވޭ އިތުރު ހަ ކުޅުންތެރިޔަކު ލައްވައި ވެސް ސޮއި ކުރުވާނެ ކަމަށެވެ.

ޓީސީން ވަނީ ޓްރެޔަލުން 15 ކުޅުންތެރިޔަކު ޓީމަށް ނެގުމަށް ނިންމާފަ އެވެ.

ޑޭވް ވިދާޅުވީ މިހާތަނަށް ނެގުނު ނުވަ ކުޅުންތެރިންނަކީ އެ ކުޅުންތެރިންގެ ކިބައިގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ކޮލިޓީ އާއި ޑިސިޕްލިން ހުރި ކުޅުންތެރިން ކަމަށެވެ. މިއަހަރު ޓީސީގެ މެޗްތަކުން ކުޅުންތެރިންނަށް ފުރުސަތު ދީ އަންނަ އަހަރު އަންނަންވާއިރަށް އެ ކުޅުންތެރިންނަކީ ރާއްޖޭގެ ޓޮޕް ލެވަލްގައި ފާހަގަ ކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ނެގުނު ނުވަ ކުޅުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އެންމެ މަތީ ފެންވަރުގައި ވާދަ ކުރުމުގެ ކޮލިޓީއާ ޓެކްނިކަލް ޑިސްޕްލިން ހުރި ކުޅުންތެރިން. އަޅުގަނޑަށް ޔަގީންކަން އެބައޮތް އެ ޑިސްޕްލިން އެ ކުޅުންތެރިން ހިފައްހައްޓައިފިނަމަ މީގެ އެއް އަހަރު ފަހުން އެކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ޓީސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާނެ ކުޅުންތެރިންކަން އަދި ގައުމީ ޓީމަށްވެސް ވާދަ ކުރާނެ،" ޑޭވް ވިދާލުވިއެވެ.

އޭނާ ވިދާޅުވީ އެކުޅުންތެރންގެ އަސްލު ކުޅުން ފެންނާނީ ވާދަ ވެރި މެޗްތަކުން ލިބޭ ފުރުސަތެއްގެ މަތިން ކަމަށެވެ.

"މި ލިބުނު މޭވާ ތަކުން އަޅުގަނޑުމެންނަށް މީރު ޖޫހެއް ލިބޭނީ، މިއަހަރު އެކުޅުންތެރިންނަށް ވާދަވެރި މެޗްތަކުން ފުރުސަތުދީ، އެ މޭވާތައް ރަނގަޅަށް، ފެލާލެވިގެން،" މަޖާޒީ ރާގެއްގައި ޑޭވް ވިދާޅުވި އެވެ.