20 Jan 2016, 16:34
މި އަހަރު ވިލާ އިންޓަނޭނޭޝަނަލް ހައި ސުކޫލްގެ ގްރޭޑު 11 އަށް އަލަށް ވަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޯލާޝިޕްތަކެއް އެ ސުކޫލުން ތައާރަފު ކޮށްފި އެވެ.
އެގޮތުން އެ ސުކޫލުގެ ގްރޭޑު 11 އަށް އަލަށް ވަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައި ވަނީ 50 ސްކޯލާޝިޕްގެ ފުރުސަތެވެ. އެހެންނަމަވެސް އެއީ ކޮން ސްކޯލާޝިޕްތަކެއް ކަމެއް އެ ސުކޫލުން ހާމަކޮށްފައެއް ނުވެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ، އެ ސްކޯލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކަނޑައަޅާފައިވާ ފައިސާގެ އިނާޔަތް އެ ދަރިވަރުން ގްރޭޑު 12ގެ ކިޔެވުން ނިމެންދެން ލިބެމުން ދާނެ ކަމަށެވެ.
ހަމައެހެންމެ، އެ ސުކޫލްގެ ދަރިވަރުން ކިޔަވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޕޮންސާޝިޕްގެ ދަށުން، ހިލޭ ކަމަށް ވެސް އެ ސުކޫލުން ބުނެ އެވެ.
ވިލާ ހައި ސުކޫލްގެ އޯޕަންޑޭ މިމަހުގެ 29 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޯޕަންޑޭގައި ސްކޫލްގެ ކިޔެވުން އިންތިޒާމު ކޮށްފައިވާ ގޮތާއި ސްކޫލް ހިންގާ ގޮތުގެ މައުލޫމާތު ވިލާ ހައިސުކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ދޭން ނިންމާފައިވާ ކަމަށް އެ ސުކޫލުން ބުނެ އެވެ.
ހަމައެހެންމެ، މިހާރު ވެސް އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ކުރީގެ ދަރިވަރުންގެ ތަޖުރިބާ ދެނެގަތުމުގެ ފުރުސަތު ވެސް އޯޕަންޑޭގައި ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އެ ސުކޫލުން ބުނެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސުކޫލްގެ ގްރޭޑު 11 އަށް ވަނުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ އެވެ. އަދި ސުކޫލަށް ވަނުމަށް އެދޭ ފޯމާއި މައުލޫމާތު ކަރުދާސް އެ ސުކޫލްގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ސުކޫލުން ބުނެ އެވެ.