ވަކި ދާއިރާތަކުން ހާއްސަ ޑޮކްޓަރުނަށް ވާން ބޭނުންވާ ފަރާތްތަކަށް ސްކޮލްޝިޕް ފުރުސަތުތަކެއް އޭޑީކޭ އިން ހުޅުވާލައިފި އެވެ.

އޭޑީކޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޕްރޭޝަން، އީއެންޓީ އަދި އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުނަނަށްވާން ބޭނުންވާ ފަރާތްތަކަށް އެ ތިން ދާއިރާ އިން ސްކޮލަޝިޕު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއިން ކޮންމެ ދާއިރާއަކުން ވެސް ލިބޭނީ އެއް ސްކޮލަޝިޕެވެ.

އޭގެ އިތުރުން ސުޕާ ސްޕެލިސްޓުންނަށް ވުމަށް ގެސްޓްރޮއެންޓޮރޮލޮޖީ އަދި ޔޫރޮލޮޖީގެ ދާއިރާ އިން ސްކޮލަޝިޕް ދިނުމަށް ވެސް އޭޑީކޭ އިން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ އެއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތެވެ. ޖުމްލަ ފަސް ސްކޮލަޝިޕެއް ދޫކުރަން ނިންމައި އޭޑީކޭ އިން އިއުލާނުކޮށްފައިވަނީ މިއަދު އެވެ.

ސްކޮލަޝިޕްތަކުގެތެރެއިން ސްޕެޝަލައިޒްވުމަށް ހުށަހަޅާ ފަރާތްތަކުން އެމްބީބީއެސް ނިންމާފައިވުމާއި ސުޕް ސްޕެޝަލައިޒްވުމަށް ހުށަހަޅާ ފަރާތްތަކުން އެމްބީބީއެސް ހެދުމުގެ އިތުރުން ވަކި ދާއިރާއަކުން ސްޕެޝަލައިޒްވެފައި ހުންނަން ޖެހޭ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ސްކޮލަޝިޕަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ނެޝަނަލް އައިޑީކާޑުގެ ކޮޕީ ހުށަހެޅުމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ސްކޮލަޝިޕަށް އެދި ފެށޭ މަހުގެ 15 ކުރިން ހުށަހެޅުމަށް އޭޑީކޭ އިން ވަނީ އެދިފަ އެވެ.