20 Jan 2016, 14:52
ފާމުދޭރިމަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްސްގައި ރޯވެ އަނދާފައި ވަނީ އެފިހާރަ ކައިރި ބަހައްޓާފައި ހުރި ސްޓެލްކޯ ކަރަންޓް ފޮށިން ކަމަށް ލަފާކުރެވޭ ކަމަށް ފިހާރާގެ ވެރިން ބުނެފި އެވެ.
ފަރިވާގެ ވެރިޔާ މަހުމާ ހުސެން ރަޝީދުގެ ދަރިފުޅު ހަސަން އާސިފް މިއަދު ސަން އަށް ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެފިހާރާގައި އަލިފާންރޯވެފައި ވަނީ އެފިހާރަ ކައިރީ ބަހައްޓާފައި ހުންނަ ސްޓެލްކޯގެ ފޮށިން ކަނިކެނޑުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހީވަނީ މެއިން ބޯޑުން ސްޕާކިން ވެގެންހެން." އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިބުނު ގެއްލުމުގެ އަދަދު އަދި ބެލިފައިނުވާ ކަމަށާއި ބެލެވޭ ގޮތުގައި ގެއްލުން 30 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.
އެފިހާރައަކީ އިންޝުއަރެންސް ކޮށްފައި ނުވަތަ ނުކުރާ ފިހާރައެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ދެ ބުރިއަށް ހަދާފައި ހުންނަ ފަރިވާ ފިހާރާގައި ރޭ ފަތިހު 4:00 ޖަހާކަންހާ އިރު، ރޯވެ އެފިހާރަ އެއްކޮށް އަނދާފައިވާ އިރު އެފިހާރައާ އިންވެގެން ހުންނަ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާ ހިނގި ފިހާރާގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި ހުލިވެފައި ކަމަށެވެ. އަދި ޖެހިގެން ހުރި އިމާރާތުގައި ހުރި މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.