ގިނަ އަދަދެއްގެ ފައިސާ ހުރި، ދަބަހެއް ފޭރިގަން މައްސަލައެއްގެ ތުހުމަތަށް ހަތް މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މިއަދު މެންދުރު ފަހު ކަލާފާން ސްކޫލް ސަރަހައްދުން ދިޔަ މީހެއްގެ އަތުން ފައިސާ ދަބަހެއް ފޭރިގެން މައްސަލާގައި ހެންވޭރު ޖަނަވަރީ ހިނގުމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ހައްޔަރު ކުރީ ފަސް ދިވެއްސަކާއި ދެ ބިސޭސީއެކެވެ. އެ އެންމެން ހައްޔަރުކުރި އިރު އެ ސަރަހައްދުގައި ސަންގެ ނޫސްވެރިން ވެސް ތިއްބެވެ.

މެންދުރު ފަހު ގާތްގަނޑަކަށް 2:15 އެހާކަންހާއިރު ފެށި އޮޕަރޭޝަންގައި ފުލުހުން ޖަނަވަރީހިނގުން ބަންދުކޮށް އެ ސަރަހައްދުގެ ގެއަކަށް ވަދެ ފުރަތަމަ ހައްޔަރު ކުރީ ދެ ދިވެއްސަކާއި ދެ ބިދޭސީއެކެވެ. ބިދޭސީ އެ ދެ މީހުންނަކީ ބަންގުލަދޭޝްގެ ދެ ރައްޔިތުންނެވެ. އޭގެ އިރުގަނޑެއް ފަހުން މައްސަލައާ ގުޅުން ހުރި އިތުރު ތިން ދިވެއްސަކު ވެސް ފުލުހުން ހައްޔަރުކުރީ ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއިންނެވެ.

ކަލާފާން ސްކޫލް ސަރަހައްދުން މީހެއްގެ ފައިސާ ދަބަސް ފޭރިގަތް މަންޒަރު މިއަދު ފެނުނު މީހަކު ސަން އަށް ކިޔަދިން ގޮތުގައި، ފައިސާ ދަބަސް ފޭރިގަނެގެން ދެ މީހަކު ދުވެފައި ގޮސް ވަނީ ޖަނަވަރީހިނގުމުގައި ހުންނަ ގެއަކަށް ކަމަށެވެ.

ފުލުހުން އެ ސަރަހައްދު ބަންދުކޮށް މީހުން ހައްޔަރުކުރަން ފެށީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ.
މިއަދު ފުލުހުން އޮޕަރޭޝަން ކުރިޔަށް ގެންދިޔައިއރު އެ ސަރަހައްދުގައި ތިބި ފުރާވަރުގެ ކުދިންތަކާ ފުލުހުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފައި ވެއެވެ. އަދި މީހުން ހައްޔަރު ކުރަން ފުލުހުން އެ ސަރަހައްދުގެ ގެއަކަށް ވަންނަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ހެދި އެވެ.

އެއްވެފައިވާ ވަރަށް ގިނަ އަދަދެއްގެ އާންމުންގެ ކުރިމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވައި ނުދީ ފުލުހުން ހަމައެކަނި ބުނީ މީޑިއާއާ ފަހުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
-----

އަނެއްކާވެސް އިތުރު ދިވެއްސަކު ދެންމެ ހައްޔަރުކޮށްފި. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެެއްވެފައިވާ މީހުން ބުނަނީ ފުލުހުން އޮޕަރޭޝަނެއް ފަށައި މީހުން ހައްޔަރު ކުރަމުންދަނީ ގިނަ އަދަދަކަށް ފައިސާ ހުރި ދަބަހެއް ފޭރިގަތް ކަމުގެ ތުހުމަތަށް ކަމަށެވެ. އެކަމާ ބެހޭ ގޮތުން ފުލުހުން އަދި ބަހެއް ނުބުނެ އެވެ.

2:51 އަނެއްކާވެސް އިތުރު ދެމީހަކު ހައްޔަރުކޮށްފި. މިފަހަރު ހައްޔަރު ކުރީ ބިދޭސީއަކާ ދިވެއްސެއް. ދެމީހުން ވެސް ނެރުނީ ގެއެއްގެ ތެރެއިން.

2:36 އެ ސަރަހައްދުން އަނެއްކާވެސް ފުލުހުން އިތުރު މީހަކު ހައްޔަރުކޮށްފި. އަދި އެސަރަހައްދުގައި ތިބި ބައެއް ޒުވާނުން ފުލުހުންނާ ކުރިމަތިލައި ޒުވާބު ކުރަމުން އެބަދޭ.

ހެންވޭރު ކޮޅުގައި ޖަނަވަރީ ހިނގުމުގެ ބޮޑު ބައެއް ބަންދުކޮށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައި އެ ސަރަހައްދު ބައެއް މީހުން ހައްޔަރު ކުރަމުން އެބަދެ އެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މުޅި ސަހަރަހައްދަށް މީހުން ޖަމާވެފައިވާއިރު ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ހަރަކާތްތެރިވަމުން އެބަ އަންނަ ކަމަށެވެ.