ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން، ގެވެށި އަނިޔާ އާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގުރާމެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބާއްވައިފި އެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގުރާމްގެ މަގުސަދަކީ، ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެކަމަށް އިޖާބަދިނުމުގެ ގާބިލުކަން މުއައްސަސާތަކުގެ މެދުގައި އިތުރުކޮށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރި ކުރުވުން ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެ އެވެ.

ހަމައެހެންމެ، ގެވެށި އަނިޔާގެ މައްސަލަތައް ދެންގަންނާނެ ގޮތާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް މުއައްސަސާތައް ތަމްރީނު ކުރުމަކީ، އެ ޕްރޮގުރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެ އެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނީ، މުއައްސަސާތަކަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގުރާމްގައި، ގެވެށި އަނިޔާ ހިނގަން މެދުވެރިވާ ސަބަބުތަކާއި ގެވެށި އަނިޔާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާ އާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެ ތަމްރީނު ޕްރޮގުރާމްގައި މާލޭގެ އެކިއެކި މުއްސަސާތަކުން 19 މީހަކު ބައިވެރިވެފައިވެ އެވެ.