ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަ ދެއްވުމުން އަވަށްޓެރި އިންޑިއާ އިން ވެސް އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރޫޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދު ޔޫކޭއަށް ދަތުރުކުރައްވަން ސަރުކާރުން ހުއްދަ ދިނުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަ ދެއްވުމުން އެމެރިކާއާއި ކޮމަންވެލްތާއި އިނގިރޭސިވިލާތުން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ދަތުރުކުރައްވަން ސަރުކާރުން ހުއްދަ ދިނީ ބޭރުގައުމުތަކުގެ ފިއްތުންތަކާ ހެދި ކަމަށް ދެކެވޭ ވާހަކަތައް ފޮރިން މިނިސްޓަރު ދުންޔާ އިއްޔެ ވަނީ ދޮގުކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ދުންޔާ ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ފޮނުވީ ބައެއް ގައުމުތަކުގެ އިސްބޭފުޅުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅިގެނެއް ނޫން ކަމަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ އެ ދަތުރުތަކާ ކައިރިކޮށް ނަޝީދަށް ހުއްދަ ދެއްވުން އެއީ 'ކަންދިމާވިގޮތް' ކަމަށެވެ.