ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަދުވަހުގެ ރެ އެވެ. އެދަތުރުފުޅުގައި ނަޝީދު ބައްދަލުކުރެއްވި އޮފިޝަލުންގެ ތެރޭގައި ނޯވޭ، އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޓާލީއާއި ފްރާންސާއި ސްވިޒަލެންޑުގެ އިތުރުން ޖަރުމަނު އަދި އީޔޫގެ އޮފިޝަލުން ވެސް ހިމެނެ އެވެ.

އީޔޫއާ އެކު ރައީސް ނަޝީދު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައިވާ ކަމަށް އީޔޫ އިން ވަނީ ބުނެފަ އެވެ. އަދި އިސްލާމްދީނުގައި ހައްދުފަހަނައަޅާދާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް އީޔޫއިން ބުނެ އެވެ.

އެ ބައްދަލުވުން އޮތީ ކޮލަމްބޯގަ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ އެމެރިކާ އިން ރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއާވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ބައެއް ގައުމުތަކުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވަނީ -- ފޮޓޯ -- ނަޝީދު އޮފީސް

މައިބަދައިގެ އޮޕަރޭޝަނަކަށް ނަޝީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވާ އިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނަވަން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.