ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އަރިސް ބޭފުޅެއް ކަމުގައިވާ މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިއަދު 14:00 އަށް ތާވަލު ކުރި އެ އަޑުއެހުން ކެންސަލްކުރީ ޕީޖީ އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ހާމިދުގެ މައްޗަށް އެ ދައުވާ އުފުލީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ އެ ގާނޫނުގެ ދަށުން އުފުލި ފުރަތަމަ ދައުވާ އެވެ.

ފުލުހުން ބުނީ ހާމިދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުން ހުރި މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ހާމިދު މިހާރު ހުރީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ މަނީލޯންޑަރިންގެ ކުށެއް ކުރުމަށް އުޅުމާއި ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމަށް ހިތްވަރުދިން މީހެއްގެ އަދަބަކީ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އެ އަދަބު ނޫން ނަމަ ކުށުގެ އަމަލުހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.