ޗައިނާ އިން އިސްނަގައިގެން އުފައްދާފައިވާ އޭޝިއާ އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ލޯންތައް މިއަހަރު ދޫކުރަން ފަށާއިރު އެ ބޭންކުން ރާއްޖެއަށް އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އޭއައިއައިބީ އުފެއްދުމުގެ ޖަލްސާއަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫތަކަށް ފައިސާ ފޯރުކޮށް ދޭ އެ ބެންކުން މިއަހަރު ތެރޭގައި ލޯން ދޫކުރުމަށް ނިންމާފައިވާއިރު ރާއްޖެއިން ބޭނުންވާ ތަރައްގީގެ މަޝްރޫތަކަށް ފައިސާ ހަމަޖައްސައި ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެ ބެންކުގެ ރައީސް ދެއްވާފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެ ކަހަލަ ގައުމަކަށް ލިބިގެންދިޔަ، މިފުރުސަތުގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫތަކަށް ފައިސާ ހޯދުމަށް ވަރަށް ބޮޑަށް މަގުފައިވެގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބޭންކުގެ ރައީސް އާއި ބައްދަލުކޮށް ރާއްޖޭގެ އެކިއެކި ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރިއިރު ރާއްޖެއަށް ބޭނުންވާ ލޯން ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ޖޫން މަހާހަމަށް ރާއްޖެއަށް އެ ބޭންކުގެ އެގްޒެޓިވް ޑިރެކްޓާ ކަން ލިބިފައިވާ ކަމަށާއި އެ ބެންކުގެ އޯޓިނޭޓިވް ޑިރެކްޓަރަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސާފައިވާ ކަަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އެ ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުން ރާއްޖެއަށް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހާތަނަށް އެފަދަ ބޭންކެއްގެ ޑިރެކްޓަރުކަން ރާއްޖެއަށް ކުރިން ލިބިފައެއްނުވެ އެވެ.

އޭއައިއައިބީ އަކީ ގައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ އަދި އެއް ގައުމު އަނެއް ގައުމާ ގުޅުވައިދިނުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ މަލްޓިލެޓަރަލް ޑިވެލޮޕްމެންޓް ބޭންކުތަކަށް އެހީތެރިވުމަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުފެއްދި ފައިނޭންސިންގް ބޭންކެކެވެ.

އޭއައިއައިބީއަކީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް ފަދަ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ ވާދަކޮށް އެ މުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ބެލެވޭތީ އެބޭންކް އުފެއްދުމުން އެމެރިކާ ކަންބޮޑުވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.